ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާތީ، އެ ބަލީގައި މިހާތަނަށް 500 އަށްވުރެ ގިނަ ކުދިން މަރުވެފައިވާކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި، ވެކްސިން ޖަހައިގެން ރައްކާތެރިވެވޭނެ މިފަދަ ބައްޔެއް އެ ގައުމުގައި މިހާ ނުރައްކާތެރި މިންވަރަކަށް ފެތުރުނު ފުރަތަމަ ފަހަރެވެ.
ވެރިރަށް ޑާކާގެ ހޮސްޕިޓަލްތަކަށް ބަލިމީހުން އިތުރުވެ، ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުން އަންނަމުންދާތީ، މި ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ވޯޑުތަކެއް ވަނީ ގާއިމުކޮށްފަ އެވެ. ނަމަވެސް، ސީރިއަސް ހާލަތުގައި ތިބޭ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ އައި.ސީ.ޔޫ އެނދުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.
ބަލީގައި މަރުވާ ކުދިންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 13 ކުދިން މަރުވެފައިވެއެވެ. މާޗް 15 އިން ފެށިގެން މިހާތަނަށް މަރުވި ކުދިންގެ ޖުމްލަ އަދަދު މިހާރު ވަނީ 512 އަށް އަރާފަ އެވެ.
މި ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ބަންގްލަދޭޝްއިން ވަނީ މުޅި ގައުމުގައި ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފަށާފަ އެވެ. ޔުނިސެފުން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރާނާ ފްލާވާސް ވިދާޅުވި ގޮތުގައި، މި ކެމްޕޭނުގެ ދަށުން މިހާތަނަށް 18 މިލިއަން ކުދިންނަށް ވަނީ ވެކްސިން ދެވިފަ އެވެ. ނަމަވެސް، ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި ވެކްސިންގެ ފުރިހަމަ ނަތީޖާ ފެނުމަށް އަދި މަސްތަކެއް ނަގާނެއެވެ.
ޔުނިސެފުން ބުނި ގޮތުގައި، 2024 ވަނަ އަހަރު އެ ގައުމުގައި ހިނގި ހަމަނުޖެހުންތަކާއި ސަރުކާރު ބަދަލުވުމާ ގުޅިގެން ކުރިމަތިވި ހަލަބޮލިކަމުގެ ސަބަބުން، ގަވާއިދުން ދެވޭ ވެކްސިން ޕްރޮގްރާމްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ނުލިބި ބަލީގެ ނުރައްކަލަށް ހުށަހެޅުނެވެ.
ހިމަބިއްސަކީ ކެއްސުމާއި ކިނބިހިއެޅުމުގެ ތެރެއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހުމުން އެއަށް ހާއްސަ ވަކި ފަރުވާއެއް ނޯވެއެވެ. މީގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި ސިކުނޑި ދުޅަވުމާއި، ނޭވާލާ ނިޒާމަށް ބޮޑެތި މައްސަލަތައް ކުރިމަތިވުން ހިމެނެއެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް މި ބަލި ޖެހިދާނެ ނަމަވެސް، މިއީ އާންމުކޮށް ކުޑަކުދިންގެ މެދުގައި ފެތުރޭ ބައްޔެކެވެ.
ސިއްހީ ހިދުމަތްތެރިން ފާހަގަކުރާ ގޮތުގައި، މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވަނީ ކާނާގެ މާއްދާތައް މަދުވުމުގެ ސަބަބުން ހަށިގަނޑު ބަލިކަށިވެފައިވާ ކުދިންނާއި، ނިކަމެތި ހާލުގައި އުޅޭ އާއިލާތަކުގެ ކުދިންނަށެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ ގަވާއިދުން ދޭންޖެހޭ ވެކްސިންތައް ފުރިހަމަނުކުރާ ކުދިންނެވެ.
ބަންގްލަދޭޝްގެ ސިއްހީ ވުޒާރާއިން ހިސާބުތައް ހާމަކޮށްފައި މިވަނީ، ބަލިމަޑުކަން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ކުރިން ބަލި ގަދައަށް ފެތުރުނު ސަރަހައްދުތަކުގައި ބަލިޖެހޭ މިންވަރު މަދުވަމުންދާ ކަމަށް ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. ބަންގްލަދޭޝްގައި މިފަހަރު ބަލިޖެހުނު ކުދިންގެ ތެރޭގައި ގިނައީ 6 މަހާއި 5 އަހަރާ ދެމެދުގެ ކުދިންނެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ހޮސްޕިޓަލަށް ގެނެވޭ ގިނަ ކުދިން ތިބެނީ ބަލީގެ އެންމެ ނުރައްކާތެރި ހާލަތުގަ އެވެ. ޑާކާގެ ޝަހީދު ސުހްރަވަރުދީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އައިނުލް އިސްލާމް ޚާން އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހިމަބިއްސަކީ ވަރަށް އަވަހަށް ފެތުރޭ ބައްޔެއް ނަމަވެސް، އެހެން ސިއްހީ މައްސަލައެއް ނެތް ދުޅަހެޔޮ ކުދިން ކުޑަ ބޭސްފަރުވާއަކުން މި ބަލިން ފަސޭހަވާ ކަމަށެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެނެވޭ ގިނަ ކުދިންގެ ނޭވާލުމުގެ ނިޒާމަށް މައްސަލަ ދިމާވެ، ލޮލާއި، ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޔުނިސެފްގެ މަންދޫބު ފްލާވާސް އިތުރަށް ވިދާޅުވީ، ކުރިމަގުގައި މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ވެކްސިން ޕްރޮގްރާމްތައް ވަރުގަދަކޮށް، ސިއްހީ ވަސީލަތްތަކާއި، ބަލިތައް މޮނިޓާކުރާ ނިޒާމުތަކަށް ކުރާ ހޭދަ އިތުރުކުރަންޖެހޭ ކަމަށެވެ.
1.2 ބިލިއަން މީހުން ނަފްސާނީ ބަލިތަކާ ހަނގުރާމަ ކުރަނީ!
އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫއިން ނިންމައިފި
ގިނަގިނައިން "ސަޕްރައިޒް" ދޭން ޖެހޭ ސަބަބު މިއޮތީ!