ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރު މިއަދު ތެހެރާނަށް ކުރެއްވި ޒިޔާރަތުގައި، އީރާނުން ދެ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް އަލް އަރަބިއްޔާއިން ރިޕޯޓްކޮށްފި އެވެ. މި އީ އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކޮށް، އަލުން ހަނގުރާމައެއް ފެށުނު ނުދީ ހުއްޓުވުމަށް އިސްލާމްއާބާދުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައި ކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާއިން އީރާނަށް ބަދަލު ދޭނަމަ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ތެހެރާނުން ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން، އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވެސް އީރާނުން ވަނީ އެދިފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޮނިހިރު ދުވަހު ވިދާޅުވީ، އެއްބަސްވުމަކަށް އާދެވޭނެ މަގެއް އަދި ނުފެންނަ ކަމަށެވެ. އަދި ޕާކިސްތާނުގެ އަސްކަރީ ވެރިޔާގެ މި ދަތުރުފުޅުގެ ބޭނުމަކީ އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިވަގުތު ތެހެރާނުން އެންމެ ބޮޑު އިސްކަމެއް ދެނީ ވޮޝިންޓަނާއެކު އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ނިންމުމަށެވެ.
މި ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަވެފައި މިވަނީ، މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އީރާނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ވައިޓް ހައުސްއިން ވިސްނަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް އިންޒާރު ދެމުންދަނީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަސްކަރީ ފިޔަވަޅު އެޅުމަކީ އޮތް ފުރުސަތެއް ކަމަށެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ހޮނިހިރު ދުވަހު ވަނީ އެމެރިކާއިން އަލުން ހަމަލާދޭން ފަށައިފިނަމަ، ހަނގުރާމައިގެ ފުރަތަމަ ދުވަހަށްވުރެ ވެސް "ވަރުގަދަ އަދި ހިތްދަތި" ރައްދެއް އީރާނުން ދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ޕާކިސްތާނުގެ އަސްކަރީ ވެރިޔާއާ ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ގާލީބާފް ވިދާޅުވީ، ހަނގުރާމަ ހުއްޓާލާފައިވާ މުއްދަތުގައި އީރާނުގެ އަސްކަރިއްޔާ ވަނީ ވަރުގަދައަށް ތައްޔާރުވެފައި ކަމަށާއި، ޑޮނަލްޑް ޓްރަމްޕް އިތުރު މޮޔަކަމެއް ކޮށްފިނަމަ އެމެރިކާއަށް އޭގެ ނަތީޖާ ވަރަށް ހިތްދަތިވާނެ ކަމަށެވެ.
މި ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އޭޕްރިލް 8 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ދާއިމީ ސުލްހައެއް ގާއިމުކުރެވިފައެއް ނުވެއެވެ. އަދި ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ވެސް އަދި މުޅިން އާންމު ހާލަތަކަށް ނާދެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ފޯނުން ވާހަކަދައްކަވަމުން ވިދާޅުވީ، އެމެރިކާއިން ތަކުރާރުކޮށް ވެފައިވާ ވައުދުތަކާ ހިލާފުވެ، އީރާނަށް އުދުވާނީ ހަމަލާތައް ދެމުންދިޔަ ކަމުގައިވިޔަސް، އީރާނުން އަދިވެސް އިސްކަންދެނީ ޑިޕްލޮމެޓިކް ހައްލަކަށް ކަމަށެވެ.
މީގެ އިތުރުން، އަރަގްޗީ ވަނީ ތުރުކީ، އިރާގު، ގަތަރު އަދި އޮމާންގެ ފޮރިން މިނިސްޓަރުންނާ ވެސް މަޝްވަރާ ކުރައްވާފަ އެވެ. ހަމައެއާއެކު، ޓްރަމްޕް ވަނީ ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލް-ޘާނީއާ ވެސް ފޯނުން ވާހަކަދައްކަވާފަ އެވެ. ގަތަރުގެ އަމީރުގެ އޮފީހުން ބުނީ، މަޝްވަރާއާއި ޑިޕްލޮމެސީގެ ޒަރީއާއިން ހައްލުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް އެ ގައުމުން ތާއީދުކުރާ ކަމަށެވެ.
އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫއިން ނިންމައިފި
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު
މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްއަށް ދުނިޔޭގެ ރެކޯޑެއް!