އުމުރުން ދުވަސްވަމުންދާ ވަރަކަށް ކުޑަކަމުދާން ޖެހޭ މިންވަރު އިތުރުވުމަކީ އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މީގެ ސަބަބުން ރޭގަނޑު ހޭލަން ޖެހުމާއި ކުއްލިއަކަށް ކުޑަކަމުދާން ބޭނުންވުން ފަދަ އުނދަގޫތަކާ ކުރިމަތިވެ އެވެ.
ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި މިއީ އުމުރުން ދުވަސް ވުމުން ތަބީއީ ގޮތުން ވާނެ ކަމެއް ކަމަށެވެ. ނަމަވެސް ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކުޑަކަމުދާ ނިޒާމަށް އަންނަ ކޮންމެ ބަދަލަކީ އުމުރާ ގުޅުވައި ދޫކޮށްލަން ޖެހޭނެ ކަމެއް ނޫނެވެ.
ކަލްކަތާގެ ސީކޭ ބިރްލާ ހޮސްޕިޓަލްގެ މަޝްހޫރު ޔޫރޮލޮޖިސްޓް ޑރ. ޕަންކަޖް ގުޕްތާ ހާމަކުރައްވާ ގޮތުގައި، އުމުރުން ދުވަސްވުމުން ކުޑަކަމުދާން ޖެހޭ މިންވަރު އިތުރުވުމަކީ އޭގެ ޒާތުގައި އާންމު ކަމެއް ނަމަވެސް، އެއާއެކު އިތުރު އަލާމާތްތަކެއް ފެންނަނަމަ އެއީ ސިއްހީ ބޮޑު މައްސަލައެއްގެ ފެށުމަކަށް ވެދާނެ އެވެ.
އުމުރުން ދުވަސް ވުމުން ބްލެޑާއަށް އަންނަ ބަދަލުތައް
އާއްމު ގޮތެއްގައި އުމުރުން ދުވަސްވުމުން ބްލެޑާގެ ދެމޭ ބާރު ކުޑަވެ އެވެ. މީގެ ސަބަބުން ބްލެޑާއަށް ގިނައިން ކުޑަކަމުދާ އެއްޗެހި ޖަމާ ކޮށްފައި ނުބެހެއްޓޭތީ އަވަސް އަވަހަށް ފާހާނާއަށް ދާންޖެހެ އެވެ.
ކޮންބައެއް، ކީއްވެ؟
ފިރިހެނުންނަށް ދިމާވާ މައްސަލަތައް
ފިރިހެނުންގެ އުމުރުން 50 އަހަރުން މަތިވާއިރު، ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުމަކީ ވަރަށް އާއްމު ކަމެކެވެ. ޕްރޮސްޓޭޓް ބޮޑުވުމުން ކުޑަކަމުދާ ހޮޅިއަށް ފިތި ކުޑަކަމުދާން ފަށަން އުނދަގޫ ވުމާއި ބްލެޑާ އެއްކޮށް ހުސްނުވާހެން ހީވުން އަދި އަވަސް އަވަހަށް ދާންޖެހުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
އަންހެނުންނަށް ދިމާވާ މައްސަލަތައް
އަންހެނުން އިއްދައިން ކެނޑުމުން ހަށިގަނޑުން އެސްޓްރޮޖަން ހޯމޯން މަދުވުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ މަސްތައް ބަލިކަށިވެ، ކުޑަކަމުދާންޖެހޭ އަވަސް މިން އިތުރުވެ އެވެ.
ކަންބޮޑުވާންޖެހޭނީ ކޮން ހާލަތްތަކެއްގައި؟
ތިރީގައިވާ އަލާމާތްތައް ފެންނަނަމަ އެއީ ހަމައެކަނި އުމުރުގެ ސަބަބުން ވާ ކަމެއް ކަމަށް ބަލައި ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެ އެވެ.
- ކުޑަކަމުދާއިރު ދިލަ ނެގުން ނުވަތަ ތަދުވުން: މިއީ ޔޫރިން އިންފެކްޝަންއެއްގެ އަލާމާތަކަށް ވެދާނެ އެވެ.
- ކުޑަކަމުދާ އެއްޗެހީގައި ލޭގެ އަސަރު ހުރުން: މިއީ ވަގުތުން ޑޮކްޓަރީ ފަރުވާ ހޯދަން ޖެހޭނެ ކަމެކެވެ.
- ރޭގަނޑު 3-4 ފަހަރަށްވުރެ ގިނައިން ހޭލަން ޖެހުން: މިއީ ހަކުރުބަލި ނުވަތަ ހިތުގެ ބައްޔެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ.
- ކުޑަކަމުދާ އެއްޗެހި ނުހިފެހެއްޓުން: ކެއްސާއިރު ނުވަތަ ހޭއިރު ބޭއިހްތިޔާރުގައި ކުޑަކަމުދެވޭނަމަ އެހީ ހޯދަންވާނެ އެވެ.
ޑރ. ޕަންކަޖް ވިދާޅުވާ ގޮތުގައި މިފަދަ މައްސަލަތަކަށް ކުރީކޮޅުގައި ފަރުވާ ހޯދުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދީ ފަހުން ދިމާ ވެދާނެ ބޮޑެތި ސިއްހީ މައްސަލަ ތަކުން ސަލާމަތް ވުމަށް އޮތް އެންމެ ބޮޑު ހައްލެވެ.
ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުވުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީވެސް ބްލެޑާގެ ދުޅަހެޔޮ ކަމަށް އެހީތެރި ވެދޭނެ ކަންތައްތަކެވެ.
އިންޑިއާ ސަރުކާރަށް ރެކޯޑް އަދަދަކަށް ފައިސާ ދޫކުރަނީ
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު