ހޮލީވުޑްގެ ނުފޫޒުގަދަ އަދި މަޝްހޫރު ދެ ތަރިން ކަމަށްވާ ބްލޭކް ލައިވްލީއާއި ރަޔާން ރެނޮލްޑްސް، ނިއުޔޯކްގައި އިމާރާތް ކުރަމުންދާ އެމީހުންގެ އަގުބޮޑު ގޭގެ މަސައްކަތްކުރި ކޮންޓްރެކްޓަރުންނަށް 2.1 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ނުދައްކާ އޮތް މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ނިއުޔޯކްގެ ލެވިސްބޮރޯގައި ހުންނަ 110 އޭކަރުގެ ބޮޑު ބިމެއްގައި މި ދެމަފިރިން ހަދަމުންދާ ލަގްޒަރީ ގޭގެ މަސައްކަތް ކުރި ފަސް ކޮންޓްރެކްޓަރަކާއި ސަބް ކޮންޓްރެކްޓަރެއް ވަނީ ފައިސާ ނުލިބިގެން ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
އޭޕްރީލް 2026 ގައި ހުށަހަޅާފައިވާ ރަސްމީ ލިޔެކިޔުންތަކުން ދައްކާގޮތުގައި، މި ދެމަފިރިން ކޮންޓްރެކްޓަރުންނަށް ޖުމްލަ ދެ މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހެ އެވެ.
މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ އިމާރާތް ކުރުމުގެ މައިގަނޑު މަސައްކަތްތައް ކުރި "ފްލާވާ ކޮންސްޓްރަކްޝަން" ކުންފުންޏަށެވެ. އެ ކުންފުންޏަށް އެކަނިވެސް 1.35 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެމީހުން ކޮށްފައިވާ މަސައްކަތް ތަކުގެ ތެރޭގައި ގޭގެ އޮނިގަނޑު ހެދުމާއި، ހީޓިންގް ސިސްޓަމްތައް ހަރު ކުރުމާއި، ކަރަންޓާއި ފެން ވައިރު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި "ޖިއޯތާމަލް" ހީޓިންގް ސިސްޓަމްތަކާއި، ފުރާޅުގެ މަސައްކަތް އަދި ނަރުދަމާ ނިޒާމު ގާއިމު ކޮށްދިން އެހެން ސަބް ކޮންޓްރެކްޓަރުންނަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ނުދީ ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ބޮޑު ގޭގެ މަސައްކަތް ފެށިގެން ކުރިއަށް ދާތާ އަހަރު ތަކެއް ވެފައި ވާއިރު 2025 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން މަސައްކަތްތައް މަޑުޖެހި، މިއަހަރުގެ ކުރީކޮޅު ވަނީ މުޅިން ހުއްޓިފަ އެވެ.
މި މަސައްކަތް ހުއްޓުނު ދުވަސްވަރަކީ ބްލޭކް ލައިވްލީ އާއި އޭނާގެ ފިލްމު "އިޓް އެންޑްސް ވިތް އަސް"ގެ ޑައިރެކްޓަރު ޖަސްޓިން ބެލްޑޯނީއާ ދެމެދު ހިނގި ބޮޑު ގާނޫނީ ހަނގުރާމަ ކުރިއަށްދިޔަ ދުވަސްވަރެވެ. އެ މައްސަލަ ދާދި ފަހުން ވަނީ އެއްވެސް ކޮޅަކަށް ފައިސާ ދިނުމަކާ ނުލައި ކޯޓުން ބޭރުން ހައްލު ކޮށްފަ އެވެ.
މި ފައިސާގެ މައްސަލައާ ގުޅިގެން އެ ދެމަފިރިންގެ ފަރާތުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
"ކަރަންޓު ކެނޑުނީ އަޕްގްރޭޑަށް ފަހު ޖަނަރޭޓަރުތައް ހުއްޓިގެން"
"އާންމު މެންބަރުން މީހެއްގެ ކައިރިން މައާފަށް އެދެން ނުޖެހޭ"
އިންޑިއާ ސަރުކާރަށް ރެކޯޑް އަދަދަކަށް ފައިސާ ދޫކުރަނީ