ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ބަލިމަޑުކަމުގެ ނުރައްކާ އެންމެ މަތީ ދަރަޖައަށް އުފުލިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުކުރު ދުވަހު ބުނެފި އެވެ. މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކުރި ގޮތުގައި، ކޮންގޯގައި މިހާތަނަށް 82 މީހަކަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، އޭގެ ތެރެއިން 7 މީހަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ ކަމަށް ބެލެވޭ 750 އެއްހާ މީހުން ތިބިއިރު، މި ބަލީގައި މަރުވި ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު ވަނީ 177 އަށް އަރާފަ އެވެ.
ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި މި ބަލިމަޑުކަން ފެތުރެމުންދާތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް، މިއީ އެހާ އާންމު ނޫން "ބަންޑިބުގްޔޯ" ކިޔާ އިބޯލާގެ ބާވަތެކެވެ. މި ބާވަތަށް ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް، މިހާރު ހުރި ބައެއް ފަރުވާތަކުން މި ބާވަތާ ދެކޮޅަށް ކުރެވިދާނެ ކަންކަން ބެލުމަށް ޑަބްލިއުއެޗްއޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔޫގަންޑާގެ ހާލަތު ސްޓޭބަލް
ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރޭސަސް ވިދާޅުވި ގޮތުގައި، ސަލާމަތީ ގޮތުން ނުރައްކާތެރި ސަރަހައްދުތަކެއްގައި ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލި ޖެހިފައިވާ މީހުންނާ ދިމާވި މީހުން ދެނެގަތުމަށް ސިއްހީ ހިދުމަތްތެރިން ކުރަމުންދާ މަސައްކަތަކީ ބޮޑު ގޮންޖެހުމެކެވެ. އޭނާ ވިދާޅުވީ ކޮންގޯގައި ބަލި ފެތުރިފައިވާ މިންވަރު، މިހާތަނަށް ކަށަވަރުވެފައިވާ އަދަދުތަކަށްވުރެ މާ ބޮޑު ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް، އަވަށްޓެރި ޔޫގަންޑާގެ ހާލަތު އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި، އެ ގައުމުން ބަލި ފެނިފައިވަނީ ކޮންގޯއިން ދަތުރުކުރި ދެ މީހެއްގެ ފުށުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.
އިތުރު ބައެއް ގައުމުތަކުގެ ފިޔަވަޅުތައް
ކޮންގޯގައި މަސައްކަތް ކުރި އެމެރިކާގެ ރައްޔިތަކު މި ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ފަރުވާއަށް ޖަރުމަނަށް ބަދަލުކޮށްފައިވާއިރު، ބަލިޖެހުމުގެ ނުރައްކާ އޮތް އެމެރިކާގެ އެހެން މީހަކު ވަނީ ޗެކް ރިޕަބްލިކަށް ބަދަލުކޮށްފަ އެވެ. ރަވާންޑާއިން ވަނީ ކޮންގޯއިން ދަތުރުކުރާ ބޭރުގެ ރައްޔިތުން އެ ގައުމަށް ވަނުން މަނާކޮށްފަ އެވެ. އަދި ނެދަލޭންޑްސްގެ ހޮސްޕިޓަލެއްގައި ވެސް އެބޯލާއަށް ޝައްކުކުރެވޭ މީހަކު އެކަހެރިކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
ވައިރަސް ފެތުރޭ ގޮތާއި ނުރައްކާ
އެބޯލާއަކީ ހަށިގަނޑުން ބޭރުވާ ފުލުއިޑްގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން ލޭ އައުމާއި، ގުނަވަންތައް ފެއިލްވުން ފަދަ ކަންކަން މެދުވެރިވެއެވެ.
ޑަބްލިއުއެޗްއޯ އިން ކޮންގޯގެ ނުރައްކަލުގެ ދަރަޖަ "ހައި" އިން "ވެރީ ހައި" އަށް ވަނީ މަތިކޮށްފަ އެވެ. ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޑިރެކްޓަރު އަބްދީ ރަހްމާން މަހްމޫދު ވިދާޅުވީ، މި ވައިރަސް ހަލުވިކަމާއެކު ފެތުރުމުގެ ފުރުސަތު ބޮޑުވުމަކީ މުޅި ހާލަތު ބަދަލުވެގެންދިޔަ ސަބަބެއް ކަމަށެވެ.
ކޮންގޯގައި ހުންނެވި ޑަބްލިއުއެޗްއޯގެ މަންދޫބު އޭން އަންސިއާ ވިދާޅުވީ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފުރިހަމައަށް ކުރެވެންދެން ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. މި ބާވަތުގެ ބައްޔަށް ވެކްސިނެއް ނެތުމުން، ބަލި ފެތުރުން ހުއްޓުވުމަށް އޮތް ހަމައެކަނި މަގަކީ ބަލިމީހުންނާ ދިމާވި މީހުން ހޯދައި، 21 ދުވަހަށް އެކަހެރިކުރުމެވެ.
ފަރުވާ ހޯދުމުގެ މަސައްކަތް
މިހާތަނަށް "ބަންޑިބުގްޔޯ" އެބޯލާ ފެނިފައިވަނީ އެންމެ ދެ ފަހަރު އެވެ. އެއީ 2007 ގައި ޔޫގަންޑާއިންނާއި 2012 ގައި ކޮންގޯއިންނެވެ. މި ބާވަތަށް ހާއްސަ ފަރުވާއެއް ނެތް ނަމަވެސް، އެހެން ބާވަތްތަކަށް ބޭނުންކުރާ ބައެއް ބޭސްތައް ކްލިނިކަލް ޓްރަޔަލްތަކުގައި ބޭނުންކުރުމަށް ޑަބްލިއުއެޗްއޯ އިން ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން، މި ބާވަތަށް ހާއްސަ ވެކްސިނެއް އުފެއްދުމަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވެއެވެ.
ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ އިޓަލީއަށް ފޮނުވާލަނީ
"އާންމު މެންބަރުން މީހެއްގެ ކައިރިން މައާފަށް އެދެން ނުޖެހޭ"
މަކުނުދޫ ވާފިރުގެ ހަކީމީ ބޭސްކުރުމުގެ ދިގު ދިގު ދަތުރު