ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓް (ބީ.އައި.އޭ) ސަރަހައްދަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، އެ އެއާޕޯޓަށް ޖައްސަން ދިޔަ ހަ ފްލައިޓެއްގެ މިސްރާބު މަޓަލަ އިންޓަރނޭޝަނަލް އެއާޕޯޓަށާއި އިންޑިއާގެ ތިރުވަނަންތަޕުރަމް (ޓްރިވެންޑްރަމް) އިންޓާނޭޝަނަލް އެއާޕޯޓަށް ބަދަލުކޮށްފި އެވެ.
އެގޮތުން، އިންޑިއާގެ ޗެންނާއީ އާއި ރާއްޖެއިން ދިޔަ ފްލައިޓްތަކުގެ އިތުރުން، އަބޫދާބީން އައި އިއްތިހާދު އެއާވޭސްގެ ފްލައިޓެއް މަޓަލަ އެއާޕޯޓަށް ވަނީ ޖައްސާފަ އެވެ.
މީގެ އިތުރުން، ޖަޕާނުގެ ނަރީޓާ، ދުބާއީ އަދި ޗެންނާއީން ދަތުރުކުރި ތިން ފްލައިޓެއް ވަނީ އިންޑިއާގެ ޓްރިވެންޑްރަމް އެއާޕޯޓަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް، މޫސުން ގޯސްވި ނަމަވެސް ޗައިނާގެ ޗެންގްދޫ އެއާޕޯޓުން އައި ޗައިނާ އެއާލައިންސްގެ ފްލައިޓް (CA-425) ވަނީ ބަންޑާރަނައިކަ އެއާޕޯޓަށް ކާމިޔާބުކަމާއެކު ޖައްސާފަ އެވެ.
ލަންކާއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވަނީ އެލާޓް ނެރެފަ އެވެ. އެގޮތުން ގޯލް، މާތަރަ، ކެންޑީ އަދި ނުވަރައެލިޔާ ފަދަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ގަޑިއަކު 45 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.
ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، ބާރުގަދަ ވައިގެ އިތުރުން ގުގުރުމާއި ހޮނުއެޅުމުގެ ހާދިސާތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެ ގައުމުގެ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރޭގެ މުޒާހަރާއިން ބަންދުކުރި ސިޔާސީ ހައްޔަރީން ދޫކޮށްލައިފި
ޓެކްސް މައްސަލައަކުން ޝަކީރާ ސަލާމަތް ވެއްޖެ
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވަށްމާފުށި