އިންޑިއާގެ ސިޔާސީ މައިދާނަށް "ކޮކްރޮޗް" (ކުރަފި) ނުކުމެ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

ކުރަފީގެ ސިފަތަކުން (ގޮތްދޫނުކުރުމާއި، ނަފުރަތުލިބުމާއި، އަދި ނައްތާނުލެވޭނެ ފަދަ ސިފަތަކުން) މިސާލު ނަގައިގެން ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފައްދާފައިވާ މި އޮންލައިން ހަރަކާތަށް، އެއް ހަފުތާގެ ތެރޭގައި އެތައް މިލިއަން އޮންލައިން ފޮލޯވަރުންނެއް ލިބި، މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. މީގެ ސަބަބުން ތަޖުރިބާކާރު ސިޔާސީ ފަރާތްތަކަށް ވެސް ވަނީ ސިހުމެއް ލިބިފަ އެވެ.

ކުރަފި މިފަދަ ގޮތަކަށް ސަމާލުކަމަށް އައީ، އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. މައްސަލައެއްގެ އަޑުއެހުމެއްގައި، ނޫސްވެރިކަމާއި އެކްޓިވިޒަމާ ދިމާއަށް މިސްރާބުޖަހާ ވަޒީފާނެތް ޒުވާނުން، ކުރަފި އަދި ޕެރަސައިޓްތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި ކަމަށް ދަނީ ބުނަމުންނެވެ.

ފަހުން އޭނާ އެކަން ސާފުކޮށްދެއްވަމުން ވިދާޅުވީ، އޭނާ އިޝާރާތްކުރެއްވީ "ވަގު ސަނަދުތައް" ގެންގުޅޭ މީހުންނަށް ކަމަށާއި، އިންޑިއާގެ ޒުވާނުންނަށް ނޫން ކަމަށެވެ.

ނަމަވެސް، އެ ހިސާބަށް ދިޔައިރު އެ ވާހަކަތައް އިންޓަނެޓުގައި ފެތުރި، މީހުންގެ ނުރުހުމާއި، ޖޯކުތަކާއި، އަދި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) ގެ ނަމުގައި މަޖާ ސިޔާސީ ހިޔާލެއް ވަނީ އުފެދިފަ އެވެ. މިއީ 2014 އިން ފެށިގެން ވެރިކަންކުރާ ބާރަތިޔާ ޖަންތާ ޕާޓީ (ބީ.ޖޭ.ޕީ) އަށް ނިސްބަތްކޮށް ހަޖޫޖެހުމުގެ ގޮތުން ކިޔާ ނަމެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ބީ.ޖޭ.ޕީގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި މަދަނީ ހައްޤުތައް ވަނީ ހީނަރުވެފަ އެވެ. ނަމަވެސް ބީ.ޖޭ.ޕީން މިކަން ދޮގުކުރެ އެވެ.

ސީ.ޖޭ.ޕީ އަކީ ރަސްމީ ސިޔާސީ ޕާޓީއެއް ނޫނެވެ. އެއީ ސިޔާސީ ހަޖޫގެ މައްޗަށް ބިނާވެފައިވާ އޮންލައިން ހަރަކާތެކެވެ. މި ޕާޓީގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ވަޒީފާނެތް މީހަކަށްވުމާއި، ކަންނެތްވުމާއި، އަބަދު އޮންލައިންގައި އުޅުމާއި، އަދި "ޕްރޮފެޝަނަލްކޮށް ޝަކުވާކުރުމުގެ ފަންނު" ހުރުން ހިމެނެ އެވެ.

މި ހަރަކާތް އުފެއްދީ ބޮސްޓަން ޔުނިވާސިޓީގައި ކިޔަވާ، އަބީޖީތު ދިޕްކޭ އެވެ. އޭނާ ބުނާ ގޮތުގައި މިއީ ހަމައެކަނި ޖޯކެއްގެ ގޮތުގައި ފެށި ކަމެކެވެ.

އެމެރިކާއަށް ދިއުމުގެ ކުރިން އޭނާ މަސައްކަތްކުރީ އިންޑިއާގެ އާމް އާދްމީ ޕާޓީ (އޭ.އޭ.ޕީ) ގައެވެ. އެއީ ކޮރަޕްޝަނާ ދެކޮޅު ހަރަކާތެއްގެ ތެރެއިން އުފެދުނު، ސޯޝަލް މީޑިއާގައި ވަރުގަދަ ޕާޓީއެކެވެ.

މި ހަރަކާތް ފެށުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެތައް ހާސް ބަޔަކު ވަނީ ސީ.ޖޭ.ޕީއާ ގުޅިފަ އެވެ. އަދި #MainBhiCockroach (އަހަރެންނަކީ ވެސް ކުރަތްޕެއް) މި ހޭޝްޓެގް އާންމުވެ، އިދިކޮޅު ލީޑަރުންގެ ތާއީދު ވެސް ވަނީ ލިބިފަ އެވެ.

މި ހަރަކާތް އޮންލައިން އިން ބޭރަށް ނުކުމެ، ކުރަފީގެ ސިފައިގައި ހެދުން އަޅައިގެން ތިބި ޒުވާނުން، ސާފުކުރުމުގެ ހަރަކާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވާން ވަނީ ފަށާފަ އެވެ.

ބުރާސްފަތި ދުވަހު، ސީ.ޖޭ.ޕީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 10 މިލިއަނަށް އަރައި، ވެރިކަންކުރާ ބީ.ޖޭ.ޕީގެ ރަސްމީ އެކައުންޓަށްވުރެ ފޮލޯވަރުން ވަނީ ގިނަވެފަ އެވެ. ނަމަވެސް، ސީ.ޖޭ.ޕީގެ އެކްސް އެކައުންޓް މިހާރު އިންޑިއާގައި ވަނީ "ޤާނޫނީ ސަބަބުތަކަކަށްޓަކައި" ބްލޮކްކޮށްފަ އެވެ.

މި ހަރަކާތް މިހާ އަވަހަށް ފެތުރިގެން ދިޔުމުން ގިނަ ބަޔަކު ހައިރާންވި ނަމަވެސް، މީގެ ސަބަބުން އިންޑިއާގެ ހަގީގީ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމުގެ ހެކި އަދި ފެންނާކަށް ނެތެވެ. ސޯޝަލް މީޑިއާގައި ބާރުގަދަ ނަމަވެސް، ރަސްމީ ސިޔާސީ މައިދާނުގައި އަދިވެސް އޮތީ ބީ.ޖޭ.ޕީ އާއި ކޮންގްރެސްގެ ނުފޫޒެވެ.

އެހެންނަމަވެސް، މި ހަރަކާތަށް ލިބޭ ތަރުހީބު ދަނީ އިތުރުވަމުންނެވެ. ސަޕޯޓަރުން ބުނާ ގޮތުގައި މިއީ އިންޑިއާގެ މިހާރުގެ ސިޔާސީ ސަގާފަތަށް ލިބުނު "އާ ދިރުމެކެވެ."

މިކަމާ ގުޅޭގޮތުން ދިޕްކޭ ބުނީ، އިންޑިއާގެ ޒުވާނުން މިހާރުގެ ސިޔާސީ ނިޒާމާ މެދު މާޔޫސްވެފައިވާ ކަމަށާއި، އެމީހުންގެ އަޑު ނުއިވޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 30 އަހަރުން ދަށުގެ ޒުވާނުން ކަމަށްވާއިރު، ރަސްމީ ސިޔާސީ ކަންކަމުގައި އެމީހުންގެ ބައިވެރިވުން ވަރަށް ކުޑައެވެ.

އިޤްތިސާދީ ކުރިއެރުންތަކެއް އައި ނަމަވެސް، ވަޒީފާގެ ދަތިކަމާއި، ތަފާތުކުރުންތަކާއި، އަދި ދިރިއުޅުމުގެ ހަރަދު ބޮޑުވުމަކީ ޒުވާނުންގެ ކަންބޮޑުވުންތަކެވެ.

ސީ.ޖޭ.ޕީގެ ވެބްސައިޓުގައި ބުނެފައިވަނީ އެއީ "ކަންނެތް އަދި ވަޒީފާނެތް މީހުންގެ އަޑު" ކަމަށެވެ. އަދި "ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކައިގެން އުޅެން ފޫހިވެފައިވާ މީހުން" އެ ހަރަކާތާ ގުޅުމަށް ވަނީ ދައުވަތު ދީފަ އެވެ.

މި ހަޖޫގެ ފަހަތުގައި ސީދާ ސިޔާސީ މައްސަލަތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ޒިންމާދާރުކުރުވުމާއި، މީޑިއާގެ މިނިވަންކަމާއި އިންސާފުވެރި އިންތިހާބަކަށް ގޮވާލުމާއި އަދި އަންހެނުންގެ ދައުރު ފުޅާކުރުން ހިމެނެއެވެ.

ކުރަފި ރަމްޒެއްގެ ގޮތުގައި އިހްތިޔާރުކުރުމަކީ ވެސް މާނަވީ ކަމެކެވެ. ކުރަތްޕަކީ ބާރުގަދަ ނުވަތަ ރީތި އެއްޗެއް ނޫނެވެ. ނަމަވެސް އެއީ ކޮންމެފަދަ އުނދަގޫ ހާލަތެއްގައި ވެސް ދިރިހުރުމުގެ ކުޅަދާނަކަން ލިބިގެންވާ، ގޮތްދޫނުކުރާ އެއްޗެކެވެ.

މަޖާކުރުމާއި ސިޔާސީ ކަންކަން މަސްހުނިވުމަކީ އާ ކަމެއް ނޫނެވެ. އިޓަލީ އާއި ޔޫކްރެއިން ފަދަ ޤައުމުތަކުގައި ވެސް މިފަދަ ކަންކަން ފެނިފައިވެއެވެ. އިންޑިއާގައި މިކަން ފެނިގެން މިދަނީ "މީމް" ތަކާއި ހޭޝްޓެގްތަކުގެ ޒަރީއާއިންނެވެ.

އެއްބަޔަކު ދެކޭ ގޮތުގައި މިއީ ވަގުތީ ކަމެކެވެ. ނަމަވެސް، ސީ.ޖޭ.ޕީން ވަނީ އިންޑިއާގެ ސިޔާސީ މަސްރަހުގައި އާދަޔާހިލާފު ކަމެއް ކޮށްފަ އެވެ. އެއީ ޒުވާނުންގެ އިހްސާސްތައް ބަޔަކަށް ފެންނަ ކަމުގެ އިހްސާސް އެމީހުންނަށް ކޮށްދިނުމެވެ. މީގެ ކުރިން ޒުވާނުންގެ ރުޅިވެރިކަން ފެންނަނީ ސިޔާސީ މެނިފެސްޓޯތަކުންނެވެ. ނަމަވެސް 2026 ގައި އެކަން މިފެންނަނީ ކުރަފި ފަދަ ސޫފިތައް ރަމްޒަކަށް ބޭނުންކޮށްގެން އުފައްދާ "މީމް ޕާޓީ" ތަކުންނެވެ.