އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް އަވަސްކުރުމަށްޓަކައި، ޕާކިސްތާނުން ކުރަމުން އަންނަ ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށްފި އެވެ.
މިއީ މެދުއިރުމަތީގެ މަސްރަހު އަލުން ހޫނުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ދަނޑިވަޅެއްގައި، އިސްލާމީ ބޮޑު ބާރެއްގެ ހައިސިއްޔަތުން ޕާކިސްތާނުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އީރާނުން ކުރަމުންދާ މަސައްކަތަކީ ދުނިޔޭގެ އިގްތިސޯދަށް އޮތް ބޮޑު ބިރެކެވެ.
އީރާނުން މިހާރު ވަނީ އެ ސަރަޙައްދުގައި 'މެރިޓައިމް ކޮންޓްރޯލް ޒޯން' އެއް ކަނޑައަޅައި، އެތަނުން ދަތުރުކުރާ އުޅަނދުތަކުން ތެހެރާނުގެ ހުއްދަ ހޯދަން މަޖުބޫރުކޮށްފަ އެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގު އުފުލި، އާންމު އާއިލާތަކުގެ ދިރިއުޅުމަށް ބޮޑެތި މާލީ ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މާލީ އިދާރާތަކުން ދެ އެވެ.
މި ހަފުތާގައި ޗައިނާ އާއި ދެކުނު ކޮރެއާގެ ޓޭންކަރުތަކަށް އީރާނުން ދަތުރުކުރުމުގެ ހުއްދަ ދީފައި ވަނީ ވަކި އެއްބަސްވުންތަކެއްގެ ދަށުންނެވެ. އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެތްތެރިކަން ކޮޅުންލަމުން ދާއިރު، އޭނާ ވަނީ މަޝްވަރާގެ މޭޒުން ނަތީޖާއެއް ނުނިކުމެއްޖެނަމަ "ވަރުގަދަ އަސްކަރީ ފިޔަވަޅު" އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މިތިބީ ހުރިހާ ގޮތަކުން ތައްޔާރަށް. މިއީ އެންމެ ފަހު މަރުޙަލާ. އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
މި އިންޒާރުތަކަށް ރައްދުދެމުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައި ވަނީ، އެމެރިކާއިން ހަމަލާއެއް ދީފިނަމަ އެ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރި، ބައިނަލްއަގްވާމީ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.
މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރު ތެހެރާނަށް ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅަކީ މަސްރަހު ފިނިކުރުމަށް އޮތް އެންމެ ބޮޑު އުންމީދެވެ. އީރާނުގެ އެކި ޖަމާޢަތްތަކާ ވާހަކަދައްކައިގެން، އެމެރިކާގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަކީ ޕާކިސްތާނުގެ އަމާޒެވެ.
އީރާނުގެ ޝަރުތުތަކަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހަނގުރާމައިގެ ބަދަލު ހޯދުމުގެ އިތުރުން އެމެރިކާ ސިފައިން ސަރަހައްދުން ފޭބުމެވެ.
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވަށްމާފުށި
ޝަމްއާންގެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި
ހައްޖު 2026: މައްކާގެ ހޫނުމިން 47 ޑިގްރީގައި!