ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިއާޒް ޢަލީގެ އާ ފިލްމު "މޭން ވާޕަސް އާއުަންގާ"ގެ ރަސްމީ ޓްރެއިލާ އާއްމު ކޮށްފި އެވެ. މި ފިލްމަކީ 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރު (ޕާޓިޝަން) ހިނގާދިޔަ ހިތްދަތި އަދި އަސަރުގަދަ ލޯބީގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މަގުބޫލު އެކްޓަރު ދިލްޖީތު ދޮސާންޖް، ނަސީރުއްދީން ޝާހް، ޝަރުވަރީ ވާގް އަދި ވެދާންގް ރައިނާ އެވެ.

3 މިނެޓާއި 9 ސިކުންތުގެ މި ޓްރެއިލާ ފެށިގެންދަނީ ބަލި އެނދުގައި އޮތް ދުވަސްވީ މީހެއްގެ ރޯލުން ފެންނަ ނަސީރުއްދީން ޝާހް، އޭނާގެ ކާފަ ދަރިފުޅު (ދިލްޖީތު ދޮސާންޖް) ގާތުގައި ކުރާ ފަހުގެ އާދޭހަކުންނެވެ.

އެއީ ޕާޓިޝަންގެ ކުރިން އޭނާ ދިރިއުޅުނު އަދި މިހާރު ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮތް އޭނާގެ އުފަން ރަށް "ސަރްގޯދާ"އަށް ދިއުމުގެ ބޭނުމުގަ އެވެ. ކާފަގެ މި އެދުން ފުރިހަމަ ކޮށްދިނުމަށް ދިލްޖީތު ކުރާ ދަތުރުގެ ތެރެއިން، ފިލްމުގެ މާޒީގެ ސަފުހާތައް ހުޅުވިގެންދެ އެވެ.

youtube.com/watch?v=PRUTWluKRW8&source_ve_path=OTY3MTQ&embeds_referring_euri=https%3A%2F%2Fwww.hindustantimes.com%2F

މާޒީގެ ބައިން ފެނިގެންދަނީ ނަސީރުއްދީން ޝާހްގެ ޒުވާން ދުވަސްވަރު (ވެދާންގް ރައިނާ)އާއި އޭނާގެ ފުރަތަމަ ލޯބިވެރިޔާ (ޝަރުވަރީ) ގެ މެދުގައި އޮތް ވަރުގަދަ ލޯތްބެވެ. ނަމަވެސް ގައުމު ދެބައިވެގެން ދިޔުމާއެކު މި ދެ ޒުވާނުން ވަކިވާން ޖެހެއެވެ. ފިލްމު ދައްކުވައިދެނީ 78 އަހަރު ވީއިރުވެސް ހިތުން ފިލައިގެން ނުދާ އެ ސާފު ލޯތްބާއި، ވަކިވުމުގެ ވޭނެވެ.

މި ފިލްމަކީ އިމްތިއާޒް ޢަލީގެ ފިލްމުތަކުން އާންމުކޮށް ފެންނަ ފަދަ "މިއުޒިކަލް ރޮމޭންސް" ފެންނަ ފިލްމެކެވެ. ފިލްމުގެ މިއުޒިކް ތައްޔާރު ކޮށްދީފައިވަނީ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭ.އާރް. ރަހްމާން އެވެ. ލަވަތަކުގެ ޅެން ހަދާފައިވަނީ އިރްޝާދު ކާމިލް އެވެ. މި ތިން ފަންނާނުންނަކީ މީގެ ކުރިން "ރޮކްސްޓާ" އަދި "ޖަބް ވީ މެޓް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ކާމިޔާބު ޓީމެކެވެ.

"މޭން ވާޕަސް އާއުަންގާ" ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. ބޮލީވުޑްގެ ސިނަމާއަށް ލޯބިކުރާ ގިނަ ބަޔަކު މިހާރުވެސް ތިބީ މި އަސަރުގަދަ ލޯބީގެ ފިލްމު ބަލާލުމަށް ކެތް މަދު ވެފަ އެވެ.