ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ސުޕަ ސްޓާރު ކަމަށްވާ ސަލްމާން ޚާންގެ އުމުރުން މިހާރު 60 އަހަރު ވެފައި ވާއިރު އޭނާ ކައިވެނި ކުރާނީ ކޮން އިރަކުންތޯ މިއީ އަދިވެސް އޭނާގެ ފޭނުން ކުރަމުން އަންނަ އެންމެ ބޮޑު ސުވާލެވެ.
އެންމެ ފަހުން ސަލްމާންގެ ބައްޕަ ސަލީމް ޚާން މިވަނީ ބެލުންތެރިންގެ އެ ސުވާލަށް ޖަވާބު ދީފަ އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސަލީމް ބުނީ ސަލްމާން ކައިވެންޏެއް ނުކޮށް ހުރީ "ގޭގައި އިންނާނެ ބައިވެރިޔަކު" ނުލިބޭތީ ކަމަށެވެ.
އެގޮތުން ސަލްމާން ހުސްހަށިބަޔަށް ހުންނަނީ އޭނާ ކައިވެނި ކުރަން ބޭނުންވާ ކަހަލަ އަންހެނަކު ނުލިބިގެންނެއް ނޫން ކަމަށާއި އޭނާގެ ހިތުގައި "ފުރިހަމަ ބައިވެރިޔާ"އާ މެދު ގެންގުޅޭ ތަސައްވުރެއްގެ ސަބަބުން ކަމަށް ސަލީމް ބުންޏެވެ.
ސަލީމް ހާމަކުރި ގޮތުގައި ސަލްމާން އޭނާގެ ދިރިއުޅުމުގެ ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރު ކުރަން ބޭނުންވަނީ އޭނާގެ މަންމަ ސަލްމާ ޚާން ފަދަ އަންހެނެކެވެ. ސަލްމާން ބޭނުންވަނީ އޭނާގެ މަންމަ ފަދައިން މުޅި އާއިލާ އެކުގައި ބަލަހައްޓައި، ފިރިމީހާއާއި ދަރިންނަށް މުޅި ދިރިއުޅުން ގުރުބާން ކޮށްލާނެ ބައިވެރިއެކެވެ.
"ސަލްމާން ކޮންމެ އަންހެން ކުއްޖަކާ ރައްޓެހިވިޔަސް، އެ ކުއްޖެއްގެ ކިބައިން އޭނާ ހޯދަން އުޅެނީ އޭނާގެ މަންމަގެ ސިފަތައް. އޭނާ ބޭނުންވަނީ ކައިވެންޏަށްފަހު ބައިވެރިޔާ ގޭގައި އިނދެ، އާއިލާގެ ކަންކަން ބެލެހެއްޓުން،" ސަލީމް ބުންޏެވެ.
ސަލީމް އިތުރަށް ބުނީ ސަލްމާން ލޯބީގެ ގޮތުން ގުޅޭ ގިނަ އަންހެން ކުދިންނަކީ ބޮލީވުޑްގެ ބަތަލާއިންނަށް ނުވަތަ އަމިއްލަ ކެރިއަރެއް އޮންނަ، ޒަމާނީ އަންހެނުންނެވެ.
އެހެންކަމުން، ކައިވެންޏަށްފަހު ހުރިހާ ކަމެއް ދޫކޮށްލާފައި ގޭގައި އިންނާކަށް އެކުދިން ބޭނުމެއް ނުވެ އެވެ. އަމިއްލަ މަސައްކަތާއި ކެރިއަރު ދޫކޮށްލުމަކީ މިޒަމާނުގައި އެއްވެސް އަންހެނަކަށް ފަސޭހަ ކަމެއް ނޫން ކަމަށް ސަލީމް ފާހަގަކުރި އެވެ.
މި ސަބަބާ ހުރެ ސަލްމާން މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނު ބޮލީވުޑްގެ މަޝްހޫރު އެތައް އެކްޓަރުންނާއެކު ކައިވެންޏަކާ ހަމައަށް ނުގޮސް ވަކިވާން ޖެހުނެވެ. އޭގެ ތެރޭގައި އައިޝްވަރިއާ ރާއީ، ކެޓްރީނާ ކައިފް އަދި ސަންގީތާ ބިޖްލާނީ ފަދަ ފަންނާނުން ހިމެނެ އެވެ.
ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން ވެސް މީގެ ކުރިން ބުނެފައިވަނީ، ސަލްމާން އަކީ އޭނާގެ އަމިއްލަ ދިރިއުޅުމާއި މިނިވަންކަމަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި، އޭނާ ކައިވެނި ކުރާނީ މުޅި އާއިލާއާ ގުޅޭ، އޭނާގެ ހިތް އެދޭ ފަދަ ފުރިހަމަ ބައިވެރިއަކު ލިބުނު ދުވަހަކުން ކަމަށެވެ.
ޓްރަމްޕަށް ލިބޭ ހަނގުރާމައިގެ ބާރު ހަނިކުރާ ގަރާރު ފާސްކުރަނީ
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"