ޛުލްހިއްޖާ މަހަކީ އިސްލާމީ ކަލަންޑަރުގެ 12 ވަނަ އަދި އެންމެ ފަހު މަހެވެ. މިއީ އިސްލާމްދީނުގައި ހުރުމަތްތެރި ކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ.
"ޛުލްހިއްޖާ" މި ނަމުގެ މާނައަކީ "ޙައްޖުގެ މަސް" އެވެ. މި މަހުގައި ދުނިޔޭގެ ކަންކޮޅުތަކުން މިލިއަނުން މުސްލިމުން ކައުބަތުﷲ ގެފުޅަށް ޖަމާވެ، އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެ އެވެ.
އިސްލާމީ ތާރީޚަށާއި އިބާދާތުގެ ގޮތުން ބަލާއިރު މި މަހަކީ ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެވިގެންވާ މަހެކެވެ. ޚާއްޞަކޮށް މި މަހުގެ ފުރަތަމަ 10 ދުވަހަކީ މުޅި އަހަރުގެ ތެރޭގައި އަންނަ އެންމެ މަތިވެރި، އަދި ހެޔޮޢަމަލު ކުރުމަށް އެންމެ ލޯބިވެތިވެގެންވާ ދުވަސްތަކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
"ޛުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ، އެ ދުވަސްތަކެއްގައި ކުރެވޭ ހެޔޮ ޢަމަލު ﷲ ތަޢާލާގެ ޙަޟްރަތުގައި ލޯބިވެތިކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެ އެވެ." (ޞަޙީޙުލް ބުޚާރީ).
1. ޙައްޖުގެ ދުވަސްތައް (ޛުލްހިއްޖާ 8 އިން 13 އަށް)
ޙައްޖުގެ މައިގަނޑު އަޅުކަންތައްތައް ކުރިއަށްދަނީ މި ދުވަސްވަރުއެވެ. މީގެ ތެރެއިން ޛުލްހިއްޖާ މަހުގެ 8 ވަނަ ދުވަހަށް ކިޔަނީ "ޔައުމުއްތަރްވިޔާ" އެވެ.
މި ދުވަހު ޙައްޖާޖީން މިނާއަށް ދަތުރުކޮށް އަޅުކަމުގައި ވަގުތު ހޭދަކުރެ އެވެ. ޙައްޖުގެ އަޅުކަމަކީ އިބްރާހީމްގެފާނާއި، އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާގެފާނާއި، ދަރިކަލުން އިސްމާޢީލްގެފާނުގެ މަތިވެރި ޤުރުބާނީގެ ހަނދާންތައް އާކޮށްދޭ އަޅުކަމެކެވެ.
2. ޢަރަފާތް ދުވަސް (ޛުލްހިއްޖާ 9)
ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހަކީ މުޅި އަހަރުގެ ތެރޭގައި އަންނަ އެންމެ މަތިވެރި ދުވަހެވެ. މި ދުވަހަކީ ޙައްޖުގެ އެންމެ ބޮޑު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި ހައްޖާޖީން މަޑުކުރާ ދުވަހެވެ.
ޙައްޖަށް ނުދާ މީހުންނަށް މި ދުވަހު ރޯދަހިފުން ނުހަނު އިތުރުވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ޢަރަފާތް ދުވަހުގެ ރޯދައިގެ ސަބަބުން އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވަ އެވެ.
3. ދީން ފުރިހަމަކުރެއްވުން
އިސްލާމްދީނަކީ ފުރިހަމަވެގެންވާ ދީނެއްގެ ގޮތުގައި ﷲ ތަޢާލާ ކަނޑައަޅުއްވައި އެކަން ވަހީ ކުރައްވާފައިވަނީ ވެސް ހަމަ އަރަފާތު ދުވަހު އެވެ.
ކީރިތި ޤުރުއާނުގެ المائدة ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "މިއަދު ތިމަން އިލާހު ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްގެ ގޮތުގައި ރުހިވޮޑިގެންފީމެވެ."
4. ޢީދު އަލް އަޟްޙާ (ޛުލްހިއްޖާ 10)
ޛުލްހިއްޖާ 10 ވަނަ ދުވަހަކީ ބޮޑު ޢީދު ނުވަތަ ކުލަގަދަ ޢީދު އަލް އަޟްޙާ އެވެ. މިއީ ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން، ދަރިކަލުން އިސްމާޢީލްގެފާނު ޤުރުބާން ކުރެއްވުމަށް އިބްރާހީމްގެފާނު ދެއްކެވި ސާބިތުކަމުގެ ޒިކުރާ އާކުރާ ދުވަހެވެ.
މި ދުވަހުގެ މަތިވެރި އަޅުކަމަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހަކު ކުދިމާލި ނުވަތަ ބޮޑުޖަނަވާރެއް (ކަންބަޅި، ބަކަރި، ގެރި، ނުވަތަ ޖަމަލު) ﷲ ގެ މަގުގައި ކަތިލައި އުޟްޙިޔާ (ޤުރުބާން) ކުރުމެވެ.
މި މަހުގެ 11، 12 އަދި 13 ވަނަ ދުވަސްތަކަކީ "އައްޔާމުއްތަޝްރީޤު" ގެ ދުވަސްތަކެވެ. މި ދުވަސްތަކުގައިވެސް ކެއިންބުއިމާއި ﷲއަށް ޛިކުރު ކުރުން މަތީ ދެމިތިބެ، އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދެވެ އެވެ.
ޛުލްހިއްޖާ މަހަކީ ހަމައެކަނި ތާރީޚީ ހާދިސާތަކެއް ފެންނަން އޮތް މަހެއް ނޫނެވެ. މިއީ ކޮންމެ މުސްލިމަކަށްވެސް ރަމަޟާން މަހަށްފަހު ފާފަ ފުއްސެވުމާއި، ގިނަގުނަ ޘަވާބާއި ދަރުމަ ހޯދުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
ޙައްޖުގެ އަޅުކަމަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުންވެސް، މި މަހުގެ ފުރަތަމަ ދިހަ ދުވަހު ރޯދަހިފުމާއި ޛިކުރު ކުރުރާއި ޞަދަޤާތް ކުރުމާއި އެހެނިހެން ހެޔޮ ޢަމަލުތައް ގިނަކޮށް ﷲއަށް ކުއްތަންވުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހެ އެވެ.
ވަތަނީ ހިދުމަތުގެ ބައިވެރިން ދަތުރުކުރި ލޯންޗެއް އަޑިއަށް
ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ މުސްތަގްބަލް އޮތީ ކިހިނެއް؟
ކުށްވެރިއަކު ދޫވާން އުޅޭކަމުގެ ކަންބޮޑުވުން އިތުރުވެއްޖެ