އީރާނުން އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމަކަށް އަވަހަށް ނައިސްފިނަމަ، އެ ގައުމުގައި "ބާކީ އެއްވެސް އެއްޗެއް ނޯންނާނެ" ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނަށް އޮތް ވަގުތު ކުޑަވަމުންދާ ކަމަށާއި، އެ ގައުމުން ވަރަށް އަވަހަށް ގޮތްތަކެއް ނިންމަންޖެހޭ ކަމަށެވެ. އަދި މިވަގުތަކީ ވަރަށް ނާޒުކު ވަގުތެއްކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، އަންގާރަ ދުވަހު ގައުމީ ސަލާމަތާ ބެހޭ އިސް ޓީމާއެކު ބައްދަލުވުމެއް ބޭއްވުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ހަބަރުތައް ބުނާގޮތުން، ޓްރަމްޕް ބޭނުންފުޅުވަނީ އެއްބަސްވުމަކަށް އައިސް ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް، އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން އިންކާރުކުރުމާއި، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެދެވޭ ދޫތަކެއް ދޭން ދެކޮޅުހެދުމުގެ ސަބަބުން، އަސްކަރީ ބާރުގެ ބޭނުންކުރުމުގެ ފުރުސަތު އަނެއްކާވެސް މިވަނީ ބޮޑުވެފަ އެވެ.
އީރާނުގެ ސަރުކާރާ ގުޅުން އޮންނަ މީޑިއާތަކުން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ކަންކަމާ ގުޅޭގޮތުން އެމެރިކާއިން އެދެވޭ ނުވަތަ އަމަލީ އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މީގެއިތުރުން، އީރާނުގެ މައްސަލައާ ގުޅޭގޮތުން ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މި ފޯނު ކޯލުގައި، އީރާނާ ދެކޮޅަށް އަލުން އަސްކަރީ ހަރަކާތްތަކެއް ފެށުމުގެ ފުރުސަތު އޮތް ކަމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށް އިޒްރޭލުގެ މީޑިއާތަކުން ހާމަކުރެއެވެ.
ދުވަހަކު ވެސް ފިލްމެއްގެ ސްކްރިޕްޓެއް ނުކިޔަން: ސަލްމާން
އެމްޑަބްލިއުއެސްސީގެ ބޯޑުގެ ޗެއާކަމުން ޝަމްހޫޒާ ވަކިކޮށްފި
އެމިލީއާއި ސްޓޭންލީށް ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ތަރިއެއް!