އާދީއްތަ ދުވަހު އަބޫދާބީގެ ނިއުކްލިއާ ޕަވާ ސްޓޭޝަނެއްގެ ކައިރިއަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށާއި ރޭޑިއޭޝަނަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ރޭޑިއޭޝަންގެ ސަލާމަތީ މިންގަނޑުތަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށާއި، ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އިތުރު ތަފްސީލު ލިބެމުންދާ ވަރަކަށް ހާމަކުރާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
"އަލް ދަފްރާ ސަރަހައްދުގައި ހުންނަ ބަރަކާ ނިއުކްލިއާ ޕަވާ ޕްލާންޓުގެ އެތެރޭގެ އިން ވަކިކުރާ ފާރުގެ ބޭރުގައި ހުރި ކަރަންޓު އުފައްދާ ޖަނަރޭޓަރެއްގައި ރޯވި އަލިފާން ނިއްވުމަށް އަބޫދާބީގެ ކަމާބެހޭ އިދާރާތަކުން ވަނީ ހަރަކާތްތެރިވެފައި. މިއީ ޑްރޯން ހަމަލާއެއްގެ ސަބަބުން ހިނގި ހާދިސާއެއް،" އަބޫދާބީ މީޑިއާ އޮފީހުން ބުންޏެވެ.
ޔޫއޭއީގެ ނިއުކްލިއާ ރެގިއުލޭޓަރީ އޮތޯރިޓީ އިން ކަށަވަރުކޮށްދިން ގޮތުގައި، މި އަލިފާނުގެ ހާދިސާގެ ސަބަބުން ޕްލާންޓުގެ ރައްކާތެރިކަމަކަށް ނުވަތަ އޭގެ މުހިންމު ނިޒާމުތަކުގެ ތައްޔާރީ ހާލަތަކަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ. އަދި ހުރިހާ ޔުނިޓްތަކެއްވެސް އާންމު ހާލަތުގައި މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
2020 ވަނަ އަހަރު ހިންގަން ފެށި މި ޕްލާންޓް ހުންނަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ހުޅަނގުން 200 ކިލޯމީޓަރު ދުރުގައި، ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ބޯޑަރާ ކައިރީގަ އެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ އެ ގައުމުގެ ކަރަންޓުގެ ބޭނުންތަކުގެ ހަތަރުބައިކުޅަ އެއްބައި ފޯރުކޮށްދެނީ މި ޕްލާންޓުން ކަމަށް، ދައުލަތުގެ ކުންފުނި އެމިރޭޓްސް ނިއުކްލިއާ އެނަޖީ ކޯޕަރޭޝަނުން 2024 ވަނަ އަހަރު ބުނެފައިވެއެވެ.
އީރާނަށް ފަހުގައި މި ސަރަހައްދުގައި ނިއުކްލިއާ ޕަވާ ސްޓޭޝަނެއް ބިނާކުރި ދެވަނަ ގައުމަކީ ޔޫއޭއީ އެވެ. އަދި މިއީ އަރަބި ދުނިޔޭގައި ބިނާކުރި މިފަދަ ފުރަތަމަ ޕްލާންޓެވެ.
ޔޫއޭއީން ނެރުނު ބަޔާނުގައި ޑްރޯން ފޮނުވާލީ ކޮން ތަނަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެ ގައުމުގެ ހަކަތަ އާއި އިގްތިސާދީ އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި އީރާން އޮތް ކަމަށް ޔޫއޭއީން ދާދި ފަހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކެއްގައި އެ ގައުމުގެ އިސް ވެރިންތަކެއް ޝަހީދުކޮށްލުމާ ގުޅިގެން، އީރާނުން ވަނީ މުޅި ސަރަހައްދަށް ބަދަލުހިފުމުގެ ހަމަލާތަކެއް ފޮނުވާލާފަ އެވެ. މީގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއް ފެށުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އީރާނުން ތުހުމަތުކުރާ ގޮތުގައި، ޔޫއޭއީ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ވަނީ އެމެރިކާގެ ސިފައިންނަށް އެ ގައުމުތަކުގެ ބިން ބޭނުންކޮށްގެން ހަމަލާދިނުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް، ޔޫއޭއީން އަމަލީ ގޮތުން ހަމަލާތަކުގައި ބައިވެރިވާ ކަމަށް ބުނެ އީރާނުން ފަތުރާ ރިޕޯޓުތައް ޔޫއޭއީން ވަނީ ހަރުކަށި އިބާރާތުން ދޮގުކޮށްފަ އެވެ.
ވޮޝިންޓަނާއި ތެހެރާނާ ދެމެދު އޭޕްރިލް 8 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ސުލްހައިގެ މަޝްވަރާތައް ވަނީ މަޑުޖެހިފަ އެވެ. އަދި މިހާރުވެސް ދޭތެރެ ދޭތެރެއިން ސަރަހައްދުގެ އެކި ތަންތަނަށް ހަމަލާތައް ދެމުންދެ އެވެ.
ފަތުރުވެރިން ޑައިވިނަށް ދިޔަ އުޅަނދުގެ ލައިސަންސް ހިފަހައްޓައިފި
ޓްރަމްޕަށް ފަހު، ޕޫޓިން ވެސް ޗައިނާއަށް ވަޑައިގަންނަވަނީ