އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ރަޝިއާއިން ބުނިގޮތުގައި ޕޫޓިން ޗައިނާއަށް ވަޑައިގަންނަވާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށްފަހު، ބައިނަލްއަގުވާމީ ސިޔާސީ މަސްރަޙަށް އަންނާނެ މުހިންމު ބަދަލެކެވެ.

މި ދަތުރުފުޅުގައި ޕޫޓިން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބޮޑެތި މައްސަލަތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާނެ އެވެ. މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގްއާ އެކު، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ޕޫޓިން މަޝްވަރާ ކުރައްވާނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައި ހުކުރު ދުވަހު ފުރާވަޑައިގަތްއިރު، އީރާނުގެ މަސްރަހުގެ އިތުރުން 4 އަހަރަށް ވުރެ ދިގުލައިގެން ގޮސްފައިވާ ޔޫކްރޭން- ރަޝިއާ ހަނގުރާމައާ ބެހޭގޮތުން ޝީ ޖިންޕިންއާ މަޝްވަރާ ކުރެއްވި އެވެ.

ނަމަވެސް، މި ބައްދަލުވުންތަކުން އެދެވޭ އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމާމެދު މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަވަމުންނެވެ.