ރޭގަނޑު ދަން ވަންދެން އެކި ކަންކަމުގައި ހޭލާ އުޅުމަކީ އަހަރުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ އާދަ އެކެވެ. އެހެން ނަމަވެސް އެއީ މީހާގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

ދާދި ފަހުން ސައިންސްވެރިން ހެދި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ދަންވަރު ހޭލާ އުޅުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ.

"ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަން" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި 300,000 އަށްވުރެ ގިނަ މީހުންގެ ސިއްހީ މައުލޫމާތު 14 އަހަރުގެ މުއްދަތަކަށް ވަނީ ދިރާސާކޮށްފަ އެވެ.

އެގޮތުން އާއްމުކޮށް ދަންވަރު ހޭލާ ހުންނަ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ، އާންމު ގަޑިތަކުގައި ނިދާ މީހުންނަށްވުރެ 79 އިންސައްތަ އިތުރެވެ. އެއާއެކު އެފަދަ މީހުންނަށް ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް 16 އިންސައްތަ ބޮޑެވެ.

މި ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި ދަންވަރު ހޭލާހުރުމުގެ ސަބަބުން ހިތުގެ ސިއްހަތަށް ގެއްލުން ވުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ އަންހެނުންގެ މެދުގައި މާ ބޮޑެވެ.

ހާވާޑް މެޑިކަލް ސްކޫލްގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ސީނާ ކިއަނަރްސީ ބަޔާންކުރައްވާ ގޮތުގައި، މީގެ މައިގަނޑު ސަބަބަކީ "ސިރްކާޑިއަން މިސްއެލައިންމަންޓް" އެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ ގުދުރަތީ ގަޑި ބޭރުގެ ދުނިޔޭގެ އަލިކަމާއި އަނދިރިކަމުގެ ބުރުތަކާ ދިމާ ނުވުމެވެ.

ހަށިގަނޑުގެ އެތެރޭގެ ގަޑި އޮޅުންބޮޅުންވުމުން، ލޭގެ ޕްރެޝަރު މަތިވެ، ލޭގައި ހަކުރު ހުންނަ މިންވަރު ސާފުކުރުމަށް ހުރަސްއެޅި، ހިތަށް ބޮޑު ބުރައެއް އުފުލަންޖެހެ އެވެ.

މިކަމުން ސަލާމަތް ވުމަށްޓަކައި ބަންދު ދުވަސްތައް ހިމެނޭހެން ކޮންމެ ދުވަހަކުވެސް އް ގަޑިއަކަށް ނިދައި، އެއް ގަޑިއަކަށް ހޭލަން އާދަ ކުރުމާއި ދުވާލު ގަޑީގައި ގުދުރަތީ އިރުގެ އަލިކަން ހަށިގަނޑަށް ހޯދައިދިނުމުގެ އިތުރުން ރޭގަނޑު ފޯނު ބޭނުން ނުކުރުން މުހިއްމެވެ.

ދުޅަހެޔޮ ހިތެއް ބޭނުންނަމަ، ރޭގަނޑުގެ ނިންޖަކީ ދޫކޮށްލެވޭނެ އެއްޗެއް ނޫންކަން ގަބޫލު ކުރަންޖެހެ އެވެ. މިއަދުން ފެށިގެންވެސް އަވަހަށް ނިދުމަށް އާދަ ކުރާށެވެ.