ބޮލީވުޑްގެ ތަރި ސަލްމާން ޚާން އަކީ އިންޑިއާ ސިނަމާގައި އެންމެ ބޮޑެތި އަދި އެންމެ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެއް ބަތަލެވެ. ނަމަވެސް، ފިލްމުތައް އިޚްތިޔާރު ކުރުމުގައި އޭނާ ގެންގުޅޭ އާދަޔާޚިލާފު ގޮތްތަކާ ބެހޭގޮތުން ސަލްމާން މިވަނީ ގިނަ ބަޔަކު ހައިރާންކޮށްލާފަދަ ވާހަކައެއް ހާމަކޮށްފަ އެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ އޭނާގެ މުޅި ފިލްމީ ކެރިއަރުގައިވެސް ދުވަހަކުވެސް ފިލްމެއްގެ ފުރިހަމަ ސްކްރިޕްޓެއް ކިޔާފައި ނުވާނެ ކަމަށް އެއްބަސްވެފަ އެވެ.

"އަހަރެންގެ މުޅި ޙަޔާތުގައިވެސް ދުވަހަކުވެސް ސްކްރިޕްޓެއް ނުކިޔަން. އަހަރެން ސްކްރިޕްޓް ލިޔެފައި އެބަހުރި، އެކަމަކު ދުވަހަކުވެސް ކިޔާފައެއް ނޯންނާނެ." "ވެރައިޓީ އިންޑިއާ"އަށް ދިން ޚާއްޞަ އިންޓަވިއުއެއްގެ ޕްރޮމޯ ވީޑިއޯއެއްގައި ސަލްމާން ބުނެފައިވެ އެވެ.

މީގެ ކުރިންވެސް ސަލްމާން ވަނީ ފިލްމެއްގެ ސްކްރިޕްޓް ފެށުނީއްސުރެ ނިމެންދެން ކިޔުމުގެ ބަދަލުގައި، އޭނާ ބޮޑަށް ބަލަނީ ފިލްމުގެ ޖުމްލަ ވައިބްއާއި ފިލްމު ގެނެސްދޭ ގޮތް އަދި އޭގެ ވިޔަފާރީގެ ކާމިޔާބީއަށް ކަމަށް އިޝާރާތްކޮށްފަ އެވެ.

މި އިންޓަވިއުގައި ސަލްމާން ވަނީ އޭނާ ތަފާތު ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި އަޅާ އަގުބޮޑު ގަޑިތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށްވެސް ޖަވާބުދީފަ އެވެ.

އާއްމުކޮށް އޭނާ އަޅާ ބައެއް ގަޑިތަކުގެ އަގު އެއް ކުރޯޑު ރުޕީސްއަށްވުރެ މަތިވާއިރު، ސަލްމާން އޭނާ އަޅާ ކޮންމެ ގަޑިއަކީ އޭނާގެ އަމިއްލަ ގަޑިއެއް ނޫން ކަމަށެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެންނާނީ "މާތުރޫބޫމީ" އިންނެވެ. މީގެ ކުރިން "ބެޓްލް އޮފް ގަލްވާން"ގެ ނަން ދީފައިވާ އެ ފިލްމުގެ ނަން "މާތުރޫބޫމީ"އަށް ބަދަލުކުރީ މިދިޔަ މާޗު މަހުގަ އެވެ.