ދުނިޔޭގެ ނުފޫޒުގަދަ ދެ ބާރު ކަމަށްވާ އެމެރިކާ އާއި ޗައިނާގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު (14 މޭ، ބުރާސްފަތި ދުވަހު) ބެއިޖިންގްގައި ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ އީރާނުގެ މައްސަލައާއި، ވިޔަފާރީގެ މުއާމަލާތްތަކުގެ އިތުރުން ތައިވާނުގެ މައްސަލައިގެ މައްޗަށެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބެއިޖިންގްގެ ހައިބަތުބޮޑު ގްރޭޓް ހޯލް އޮފް ދަ ޕީޕަލް ގައެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ރައީސް ޝީ ޓްރަމްޕަށް މަރުހަބާ ދަންނަވާނީ ވަރަށް ކުލަގަދަ ރަސްމިއްޔާތަކާ އެކުގަ އެވެ.
ޓެރިފްގެ މައްސަލައަށް ހައްލެއް؟
ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމައަކީ މި ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް އެއް މައްސަލަ އެވެ. ވޭތުވެދިޔަ އަހަރު ޓްރަމްޕް އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ބޮޑުކުރުމާ ގުޅިގެން، ރައްދުގައި ޗައިނާއިން ވެސް ވަނީ 100 އިންސައްތައަށްވުރެ މަތިން ޓެރިފް ބޮޑުކޮށްފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ދެކުނު ކޮރެއާގައި ބޭއްވި ބައްދަލުވުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ޓެރިފް ބޮޑުނުކުރުމަށް ވެފައިވާ އެއްބަސްވުން އިތުރުކުރުމާ މެދު މަޝްވަރާ ކުރެވުނު ނަމަވެސް، މިއީ ކާމިޔާބުވާނެ ކަމެއް ކަމާމެދު އަދި ޔަޤީންކަމެއް ނެތެވެ.
ތައިވާނުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޗައިނާއިން އަމިއްލަ މިލްކެއް ކަމަށް ބުނާ ތައިވާނަށް އެމެރިކާއިން ހަތިޔާރު ވިއްކާ މައްސަލައިގައި ޝީއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިއީ ތައިވާނުގެ މައްސަލައިގައި ޗައިނާއާ މަޝްވަރާ ނުކުރުމަށް އެމެރިކާއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތާ ހިލާފު ކަމެއް ކަމުން، ސަރަހައްދީ އެކުވެރި ޤައުމުތަކުން މިކަމަށް ވަރަށް ބޮޑަށް ފާރަވެރިވާނެ އެވެ.
މީގެ އިތުރުން "ރެއާ އާތު" އެކްސްޕޯޓް ކުރުމުގައި ޗައިނާއިން ގެންގުޅޭ ކޮންޓްރޯލްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން އޮތް ވާދަވެރިކަމާއި، ވިޔަފާރީގެ ގުޅުންތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.
ދެ ޤައުމުގެ މަގްސަދަކީ މި ބައްދަލުވުމުން އެދެވޭ ނަތީޖާއެއް ހާސިލުކޮށް، ބައިނަލްއަގްވާމީ ގޮތުން ނުފޫޒު ފޯރުވާ މި ގުޅުން ހަމަޖެހުމަކަށް ގެނައުމެވެ. އަދި 2026 ވަނަ އަހަރު ރައީސް ޝީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތާރީހެއް ކަނޑައެޅުމަކީ ވެސް ޓްރަމްޕްގެ އުންމީދެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ހާއްސަ ފަރިއްކޮޅެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓްރަމްޕް ޗައިނާގެ ތާރީހީ ތަންތަނަށް ޒިޔާރަތް ކުރައްވާނެ އެވެ.
ދެ ދުވަހުގެ މި ދަތުރުފުޅަށް ޓްރަމްޕް ވަޑައިގަތީ ބުދަ ދުވަހުގެ ރޭގަ އެވެ. އޭނާގެ އަރިހުގައި އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ކަމަށްވާ އެންވީޑިއާގެ ޖެންސަން ހުއާންގް އަދި ޓެސްލާގެ އީލޮން މަސްކް ބައިވެރިވެވަޑައިގަންނަވަ އެވެ. ޓްރަމްޕަށް މަރުހަބާ ދެންނެވުމަށް 300 އަށްވުރެ ގިނަ ކުދިން ޗައިނާ އާއި އެމެރިކާގެ ދިދަ ހިފައިގެން ތިއްބެވެ.
މިއީ 2017 ވަނަ އަހަރަށްފަހު އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޓްރަމްޕްގެ ފުރަތަމަ ދަތުރުފުޅަށްފަހު ޗައިނާގެ މުދަލުން ބޮޑެތި ޓެކްސްތަކެއް ނެގި ނަމަވެސް، މިހާރު އޭނާ އުންމީދު ކުރައްވަނީ ރައީސް ޝީއާ އޮތް ގާތް ގުޅުމުގެ ސަބަބުން ކަންކަން ހައްލުވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ބޭނުންވަނީ އެމެރިކާގެ ކުންފުނިތަކަށް ޗައިނާގެ ބާޒާރުތައް އިތުރަށް ހުޅުވާލުމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޓްރަމްޕްގެ ދަތުރުފުޅަށް މަރުހަބާ ކިޔާ ކަމަށާއި، ދެ ގައުމުގެ މެދުގައި އޮތް ތަފާތުތައް ނައްތާލައި އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ނަމަވެސް، މީގެ ނުވަ އަހަރު ކުރިއާ އަޅާބަލާއިރު މިހާރުގެ ޗައިނާއަކީ އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން މާ ބާރުގަދަ ޤައުމެކެވެ. ހާއްސަކޮށް އީރާނުގެ މައްސަލައިގައި އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުން ކުރަމުންދާ ކަންކަމުން އެ ގައުމު ދުރުކުރުމަށް ޗައިނާއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ކުޑަކަމުދާ ތަކެތީގެ ކުލަ ސާފުކޮށް ހުރުމަކީ މޮޅު ކަމެއް ނޫން!
ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ޔޫއޭއީއަށް ސިއްރު ދަތުރެއް
ތާބޫއަށް ކައިވެންޏެއް ނުކުރެވުނީ އަޖޭގެ ސަބަބުން؟