އީރާނުގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މޮޓޯކޭޑް ނުވަތަ ރަސްމީ ދަތުރުފަތުރުގެ އުޅަނދުތައް މަދުކުރައްވައިފި އެވެ.
މިއީ ހަރަދުތައް ކުޑަކުރުމަށް މޯދީ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެޅުއްވި ފިޔަވަޅެކެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ބޮޑުވުމާ ގުޅިގެން ގައުމުގެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވަމުންދާތީ، އާދިއްތަ ދުވަހު މޯދީ ވަނީ އިގްތިސާދު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އޭގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ބޭރު ގައުމުތަކަށް ނުދިއުމަށާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމަށާއި، ރަން ގަތުން މަދުކުރުމުގެ އިތުރުން ކައްކާ ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެ އެވެ.
ބޮޑުވަޒީރުގެ މި އިލްތިމާސާ ގުޅިގެން، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އިންޑިއާގެ އިސް ސިޔާސީ ވެރިންގެ ބޮޑެތި މޮޓޯކޭޑްތަކާއި، މޯދީ ގައުމުގެ އެތެރޭގައި ކުރައްވާ ދަތުރުފަތުރުތަކާއި، ކުރިއަށް އޮތް ޔޫރަޕް ދަތުރުފުޅާ މެދު ސުވާލު އުފައްދާ ފާޑުކިޔާފަ އެވެ.
ބޮޑުވަޒީރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ "ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް" (އެސްޕީޖީ)ގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަލާމަތީ ގޮތުން ކޮންމެހެން ބޭނުންވާ އުޅަނދުތައް ހިމަނައިގެން މޮޓޯކޭޑްގެ އަދަދު މަދުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް، މިހާރު މޮޓޯކޭޑްގައި ހިމެނެނީ ކިތައް އުޅަނދު ކަމެއް ސީދާ ހާމައެއް ނުކުރެ އެވެ.
މޯދީއަކީ އިންޑިއާގައި އެންމެ މަތީ ފެންވަރުގެ ސަލާމަތީ ރައްކާތެރިކަން ދެވޭ ބޭފުޅާ ކަމަށްވާއިރު، މީގެ ކުރިން އޭނާގެ މޮޓޯކޭޑްގައި 12 ވަރަކަށް އުޅަނދު ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހަފުތާގައި ގުޖުރާތަށާއި އާސާމަށް ކުރެއްވި ދަތުރުފުޅުތަކުގައި މޮޓޯކޭޑް ކުޑަކުރައްވާފައިވާ ކަމަށާއި، އަދި އިތުރު އުޅަނދެއް ނުގަނެ، މިހާރު ހުރި ވަސީލަތްތަކުން ބޭނުންކުރެވެން ހުރި ތަންތަނުގައި އިލްކްޓްރިކް އުޅަނދުތައް ބޭނުންކުރުމަށް ވެސް ބޮޑުވަޒީރު އިރުޝާދު ދެއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އަދި ބޭނުންކުރާ ގައުމަކީ އިންޑިއާ އެވެ. އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބަންދުވެފައިވާ ހޮރްމޫޒް ކަނޑުއޮޅިއަކީ، އިންޑިއާއަށް ބޭނުންވާ ސާފުނުކުރާ ތެލާއި، އެލްއެންޖީ އަދި ކައްކާ ގޭސް ސަޕްލައި ކުރުމުގައި ވަރަށް ބޮޑަށް ބަރޯސާވާ މަގެކެވެ.
ހަނގުރާމަ މެދުކަނޑާލުމަށް ފަހު އެއް މަސް ދުވަސް ވީއިރު ވެސް، ވޮޝިންޓަނާއި ތެހެރާނާ ދެމެދު އެއްބަސްވުމަކަށް ނާދެވި އޮތުމުން، ތެލުގެ އަގު އުފުލުމުގެ ސަބަބުން އިންޑިއާގެ ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވެ، އިގްތިސާދީ ކުރިއެރުމަށް ހުރަސް އެޅި، ތަކެތީގެ އަގު އުފުލިގެންދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
އިންޑިއާއިން މިހާތަނަށް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުނުކޮށް ހިފަހައްޓާފައިވީ ނަމަވެސް، މެދުއިރުމަތީގެ މަސްރަހު އޮތްގޮތުން އަގުތައް އުފުލުމަކީ ވަރަށް ގާތް ކަމެއް ކަމަށް ބެލެވެ އެވެ.
ލޮރެއަލްގެ އާ ރީލްގައި އައިޝްވާރްޔާ ނެތުމުން ސަޕޯޓަރުން ރަތަށް!
ތި ގެންގުޅޭ ފޯނަކީ ޖަރާސީމުގެ "ހާއްޔެއް"!