އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ސިއްރުން އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ. މީގެ ތެރޭގައި އީރާނުގެ މުހިންމު ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ދިން ހަމަލާއެއް ވެސް ހިމެނެ އެވެ. މިއީ ގަލްފުގެ އަރަބި ގައުމުތަކުން މި ހަނގުރާމައިގައި އަދާކުރާ ދައުރު ވަރަށް ބޮޑަށް ފުޅާވެ، ހަރުކަށިވެފައިވާ ކަމުގެ ނިޝާނެކެވެ.
އަބޫދާބީން ރަސްމީކޮށް އެއްބަސްވެފައި ނުވާ މި ހަމަލާތަކުގެ ތެރޭގައި، ޕާޝިއަން ކަނޑުއޮޅީގައި އޮންނަ އީރާނުގެ "ލަވަން އައިލެންޑް" ރިފައިނަރީއަށް އޭޕްރީލް މަހުގެ ކުރީކޮޅު ދިން ހަމަލާ ހިމެނެ އެވެ. މި ހަމަލާ ދީފައިވަނީ ފަސް ހަފުތާގެ ވައިގެ ހަމަލާތަކަށްފަހު ހަނގުރާމަ ހުއްޓާލިކަން އިއުލާންކުރި ދަނޑިވަޅާ ދިމާކޮށެވެ. މި ހަމަލާގެ ސަބަބުން އެތަނުގައި ބޮޑު ވަރަށް ބޮޑަށް އަލިފާން ރޯވެ، މަސްތަކެއް ވަންދެން އެ ކާރުހާނާގެ މަސައްކަތްތައް ހުއްޓުމަކަށް އައެވެ. އޭރު އީރާނުން ބުނެފައިވަނީ މިއީ ދުޝްމަނުންގެ ހަމަލާއެއް ކަމަށެވެ. އަދި ބަދަލުހިފުމުގެ ގޮތުން ޔޫއޭއީއަށާއި ކުވައިތަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލި އެވެ.
ވޮޝިންޓަނުން ޔޫއޭއީގެ މި އަމަލާމެދު ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި، މި ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ގަލްފުގެ ގައުމުތަކުގެ އެހީތެރިކަމަށް އެމެރިކާއިން ވަނީ ހިމޭންކަމާއެކު މަރުހަބާ ކިޔާފަ އެވެ. ވައިޓް ހައުސްއިން ޔޫއޭއީގެ ދައުރާ ބެހޭގޮތުން ސީދާ ޖަވާބެއް ދިނުމަށް އުޒުރުވެރިވި ނަމަވެސް، ރައީސް ޓްރަމްޕްގެ އަތުގައި ހުރިހާ އިހްތިޔާރެއް އޮތްކަން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އީރާނަށް ސީދާ ހަމަލާދޭން ޔޫއޭއީން ނިންމި ނިންމުމަކީ ތެހެރާނުން ކުރިމަތިކުރާ ނުރައްކަލާމެދު އަބޫދާބީން ދެކޭގޮތް މުޅިން ބަދަލުވެފައިވާ ކަމުގެ ހެއްކެކެވެ. ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ 2,800 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ޔޫއޭއީއަށް އަމާޒުކޮށްފަ އެވެ. މިއީ އިޒްރޭލަށްވުރެ ވެސް ގިނަ އަދަދެކެވެ. މީގެ ސަބަބުން ޔޫއޭއީގެ ވައިގެ ދަތުރުފަތުރަށާއި، ފަތުރުވެރިކަމަށް އަދި އިޤްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ގަލްފުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ޔޫއޭއީގެ ވިސްނުން ވަނީ ބަދަލުވެފަ އެވެ.
ޔޫއޭއީގެ ވަރުގަދަ ވައިގެ ސިފައިންގެ ލަޝްކަރެއް އޮތްއިރު، މީގެ ތެރޭގައި ފްރާންސުން އުފައްދާފައިވާ މީރާޖް ފައިޓަރު ޖެޓްތަކާއި އެފް-16 ޖެޓްތައް ހިމެނެ އެވެ. މާޗު މަހުގެ މެދުތެރޭގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، އިޒްރޭލުން ނުވަތަ އެމެރިކާއަށް ނިސްބަތްނުވާ މަތިންދާބޯޓުތަކެއް އީރާނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. މިއީ އެމިރޭޓްސްގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ އެންމެ ބޮޑު އެއް ހެއްކެވެ. އޯޕަން ސޯސް މައުލޫމާތު ދިރާސާކުރާ ފަރާތްތަކުން ފަހުން ވަނީ، މި ހަމަލާތަކުގައި ޔޫއޭއީގެ މީރާޖް ފައިޓަރު ޖެޓްތަކާއި ޗައިނާގައި އުފައްދާފައިވާ "ވިންގް ލޫންގް" ޑްރޯންތައް ބޭނުންކޮށްފައިވާކަން ދޭހަވާ ފޮޓޯތަކެއް ފާހަގަކޮށްފަ އެވެ.
އަސްކަރީ ހަމަލާތަކުގެ އިތުރުން، ޔޫއޭއީން ވަނީ އީރާނުގެ މާލީ މަސްލަހަތުތަކަށް ހުރަސްއެޅުމުގެ ގޮތުން ދުބާއީގައި ހުންނަ އީރާނާ ގުޅުންހުރި ސްކޫލްތަކާއި ކްލަބްތައް ބަންދުކޮށްފަ އެވެ. އަދި އީރާނުގެ ރައްޔިތުންނަށް ވިސާ ދޫކުރުމާއި ދަތުރުފަތުރު ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މިއީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އީރާނުން ބޭނުންކުރަމުންދިޔަ މުހިންމު އިގްތިސާދީ މަގެއް ބަންދުކޮށްލުމެކެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ބާރުގެ ބޭނުންކުރުމަށް ހުއްދަދޭ އދ. ގެ ގަރާރުތަކަށް އަބޫދާބީން ވަނީ ތާއީދުކޮށްފަ އެވެ.
އީރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ޔޫއޭއީން ހަމަލާދިންކަން ކަށަވަރުވުމާއެކު، ކަނޑުއޮޅީގެ ތެޔޮ ސަޕްލައިއަށް އޮތް ނުރައްކާ މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. "ލަވަން އައިލެންޑް" އަކީ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުމުގައާއި ސާފުކުރުމުގައި ވަރަށް މުހިންމު މަރުކަޒެކެވެ. އެފަދަ އެހެން ތަންތަނަށް ހަމަލާދީފިނަމަ، މުޅި ސަރަހައްދުގެ ތެލުގެ ވިޔަފާރިއަށް ބޮޑެތި ބުރޫތަކެއް އަރާނެ އެވެ. މީގެ އިތުރުން، ޔޫއޭއީގެ ހަކަތައާއި ވިޔަފާރީގެ ވަސީލަތްތަކަށް އީރާނުން ބަދަލުހިފުމުގެ ހަމަލާއެއް ދީފާނެތީ، ބައިނަލްއަޤްވާމީ ބާޒާރުތަކުން މިހާރު ދަނީ އެކަމަށް ފާރަވެރިވަމުންނެވެ. ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ބާރުގެ ބޭނުންކުރުމަށް ޔޫއޭއީން ނިންމި ނިންމުމަކީ، އީރާނުން ކަނޑުގެ މަގުތައް ބަންދުކޮށްފިނަމަ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރެކެވެ.
އަދަދު ނޫހުގެ ވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
އަޅުގަނޑު މިހުރީ ކޯޯޓު އަމުރާ ހިލާފުވާން ތައްޔާރަށް: ނަޝީދު