މާލޭގެ މަގު ހެދުން ލަސްވަނީ ޗައިނާ އިން ޓެންޑާ ކުރާތީ ކަމަށާއި މަގުތަކުގެ ޑިޒައިންގެ މަސައްކަތް ކުރަން ޗައިނާގެ ޓީމެއް މި މަހު ރާއްޖެ އަންނާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ހިލޭ އެހީ ދިނުމަށް ހާއްސަ އުސޫލުތަކާއި ގަވާއިދުތަކެއް ކަނޑައަޅާފައި އޮންނަ ކަމަށާއި ޗައިނާއިން ވެސް މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުންދަނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން، އެ ގައުމުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކުގައި ފީސިބިލިޓީ އާއި ސާވޭ އާއި ޑިޒައިނިން އަދި ކޮންސްޓްރަކްޝަން ކަންކަން ވަކިން ޓެންޑާކޮށް، ޕްރޮކިއު ކުރާ ކަމަށާއި މަސައްކަތް ލަސްވެގެންދަނީ އެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

""ހިލޭ އެހީދޭ ކަމުގައިވާނަމަ އެއީ އެ ގައުމުގެ ޓެކްސްޕޭޔާސްގެ ފައިސާ. އެ ފައިސާ ޚަރަދުކުރާނީ އެ ގައުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން. އެހެންމަ އަޅުގަނޑުމެން ހިލޭ އެހީ ބޭނުންވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެކަން ފޮލޯކުރަން ޖެހޭނެ. އެއަށް އެއްބަސްވާން ޖެހޭނެ، އެހެންވީމަ އެ އުސޫލުން އެ މަސައްކަތް ކުރިއަށްދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ހަވާލުކުރި ފަރާތުން މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން މަޝްރޫއުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑާ ކުރާނެ ކަމަށާއި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫއު ލަސްކުރުމަށްޓަކައި ނުވަތަ މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށްޓަކައި އެއްވެސް ކަމެއް ނުކުރޭ. ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ފީސިބިލިޓީ ސްޓަޑީ ހަދަން ރާއްޖެއަށް އައި ޗައިނާގެ ޓީމުން، މަގުތަކުގައި ފެންބޮޑުވާތީ ސާވޭކޮށް، ޑިޒައިން ހެދުމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ މަޝްރޫއުގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން، އެހެނިހެން މަގުތަކުގެ ޑިޒައިނިންގެ މަސައްކަތް ކުރިއަށްދާއިރު މަޖީދީ މަގުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޖަޕާނުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މަޝްރޫއުތަކާއި އިންޑިއާގެ ލައިންއޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ މަޝްރޫއުތަކަށް ވެސް ގިނަ ދުވަސްތައް ނަގާ ކަމަށް މުއްތަލިބު ފާހަގަކުރި އެވެ.