އީރާނާއެކު އެއްބަސްވުމަކަށް އައުމުގެ އަސާސީ ކަންތައްތަކެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް އެ އެއްބަސްވުމުގެ ފުރިހަމަ ލިޔުމަށް އިންތިޒާރު ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ. އަދި އީރާނުން ގޯސްކޮށް އަމަލުކުރާނަމަ، އެ ގައުމަށް އަލުން ހަމަލާ ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.
އީރާނުގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، އީރާނުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ވަނީ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި، އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފަހުގެ ތާރީހަކަށް ފަސްކުރުމަށް ވެސް އެ ހުށަހެޅުމުގައި ހިމެނެ އެވެ. ނަމަވެސް ޓްރަމްޕް މިހާތަނަށް މި ހުށަހެޅުމަށް ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމުގެ ކޮންސެޕްޓާ ބެހޭގޮތުން މައުލޫމާތު ލިބިފައިވާ ކަމަށާއި، މިހާރު ބޭނުންވަނީ އޭގެ ފުރިހަމަ ލިޔުން ކަމަށެވެ. އޭނާގެ ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، އީރާނުގެ މި ހުށަހެޅުންތައް ގަބޫލުކުރެވޭނެ ކަމަށް ބެލުމަކީ ދަތި ކަމެކެވެ. އަދި އީރާނުން ކުރި ކަންތައްތަކަށް ބަލާއިރު، އެ ގައުމަށް އެކަށީގެންވާ ވަރުގަދަ އަދަބެއް އަދި ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނަށް އަލުން ހަމަލާ ދީފާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމާ ބެހޭގޮތުން ނޫސްވެރިންނަށް ވަކި އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. "އެމީހުން ގޯސްކޮށް އަމަލުކުރާނަމަ، ނުވަތަ ނުރަނގަޅު ކަމެއް ކުރާނަމަ، އަހަރެމެން އެކަމަށް ބަލާނަން. އެއީ ހަމަ ވެދާނެ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުން ބުނަނީ ޑިޕްލޮމެޓިކް މަޝްވަރާތަކަށް ތައްޔާރު ކަމަށް
އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެމެރިކާގެ ސިޔާސަތު ބަދަލުކޮށްފިނަމަ ޑިޕްލޮމެޓިކް މަޝްވަރާތަކަށް ތައްޔާރު ކަމަށެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން އީރާނުން ހުށަހަޅާފައިވަނީ ނިއުކްލިއާ މައްސަލަ ހައްލުވުމުގެ ކުރިން ކަނޑުއޮޅި ހުޅުވާލުމަށެވެ. އީރާނުގެ އިސް އޮފިޝަލަކު ވަނީ ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއަށް މި ހުށަހެޅުން ރަސްމީކޮށް ފޮނުވާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އިންސާނީ ނަޒަރަކުން ބަލާއިރު، އަސްކަރީ ފިޔަވަޅުތަކަށްވުރެ ސުލްހަވެރި ހައްލަކަށް އިސްކަންދޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، ހޮރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައި ހުއްޓި، އެމެރިކާގައި ތެލުގެ އަގު އުފުލެމުން ދާތީ ޓްރަމްޕަށް ވަނީ ގައުމީ ފިއްތުންތައް ކުރިމަތިވެފަ އެވެ. މިއީ ކުރިއަށް އޮތް އިންތިހާބުގައި އޭނާގެ ޕާޓީއަށް ސިޔާސީ ގޮތުން ގެއްލުންވެދާނެ ކަމެކެވެ.
އީރާނުގެ 14 ނުކުތާގެ ހުށަހެޅުމުގައި ހިމެނެނީ އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާ ސިފައިން ބޭރުވުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާއި، ލުބުނާން ހިމެނޭހެން ހުރިހާ ދިމާލަކުން ހަނގުރާމަ ހުއްޓާލުމެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނަށް ބޮން އެޅުން މެދުކަނޑާލިތާ ހަތަރު ހަފްތާ ވެފައިވީ ނަމަވެސް، ދާއިމީ ހައްލަކަށް އަދި އާދެވިފައެއް ނުވެއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ކުރިން ދުވަހަކުވެސް ނާރާވަރުގެ ބޮޑު ލޮޅުމެއް އަރާފަ އެވެ.
އެމެރިކާއިން ބުނަމުންދަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުން ހުއްޓުވުމުގެ ޔަގީންކަން ލިބޭ އެއްބަސްވުމަކާ ނުލައި ހަނގުރާމަ ނިމުމަކަށް ނުގެންނާނެ ކަމަށެވެ. ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އީރާނުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ނިއުކްލިއާ މަޝްވަރާތައް ފަސްކުރުމަކީ އެއްބަސްވުމަކަށް އައުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މި އޮނިގަނޑުގެ ދަށުން، ހަނގުރާމަ ނިމުމަކަށް އަންނާނީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެން ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަމާ އެކުގައެވެ. އޭގެ ބަދަލުގައި އީރާނުން ކަނޑުއޮޅި ހުޅުވާލާ އަދި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ އެވެ.
މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމާ ގުޅޭގޮތުން ފަހުން ކުރެވޭ މަޝްވަރާތަކުގައި، އީރާނުން އެދެނީ ސުލްހަވެރި ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އެމެރިކާއިން ގަބޫލުކުރުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ތިން ބޭފުޅަކު
ޒޭންގެ އެމެރިކާ ޓުއާ ވެސް ކެންސަލް ކޮށްފި
ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އީރާނުން މަޝްވަރާކުރަން ތައްޔާރު