ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭ 60 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން، އީރާނާއެކު ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް އަތުވެއްޖެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނެފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭޕްރީލް މަހުގެ ކުރީކޮޅު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު އީރާނާއެކު ކުރަމުންދިޔަ ހަނގުރާމަ މިހާރު ނިމިފައިވާ ކަމަށް ޓްރަމްޕްގެ ސަރުކާރުން ދަނީ ވަކާލާތު ކުރަމުންނެވެ. އެހެންކަމުން، އަސްކަރީ ހަރަކާތްތަކަށް ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަން ރައީސަށް މިހާރު ލާޒިމު ނޫން ކަމަށް އެ ސަރުކާރުން ގަބޫލުކުރެ އެވެ.

ފެބުރުވަރީ މަހު އީރާނާއެކު ފެށުނު ހަމަނުޖެހުންތައް މިހާރު ނިމުމަކަށް އަތުވެއްޖެ ކަމަށް ޓްރަމްޕް ސަރުކާރުގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހުގެ ރޭ ރޮއިޓާސްއަށް މައުލޫމާތު ދެއްވާފައިވެއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އޭޕްރީލް 7 ވީ އަންގާރަ ދުވަހު ދެ ފަރާތުން ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށާއި، އޭގެ ފަހުން އެ މުއްދަތު ވަނީ އިތުރުކުރެވިފަ އެވެ. އަދި އޭޕްރީލް 7 ގެ ފަހުން އެމެރިކާގެ އަސްކަރިއްޔާއާއި އީރާނާ ދެމެދު އެއްވެސް ކަހަލަ ހަމަލާ ބަދަލުކުރުމެއް ހިނގާފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ހުއްޖަތް ދައްކައިގެން، 1973 ވަނަ އަހަރުގެ "ވޯ ޕަވާސް ރިޒޮލިއުޝަން" ގެ ދަށުން ފުރިހަމަ ކުރަންޖެހޭ ގާނޫނީ ޝަރުތުތައް ޓްރަމްޕްގެ ސަރުކާރުން އަދި ފުރިހަމަކޮށްފައެއް ނުވެ އެވެ.

އޭޕީން ބުނި ގޮތުގައި، އެ ގާނޫނު ބުނާގޮތުން 60 ދުވަހަށްވުރެ ދިގުދެމިގެންދާ އެއްވެސް އަސްކަރީ ހަރަކާތަކަށް ރައީސް ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯއްދަވަން ޖެހެ އެވެ.

އެ ގާނޫނުގެ ދަށުން، ހަނގުރާމައަށް 60 ދުވަސް ފުރޭ ހުކުރު ދުވަހުގެ ނިޔަލަށް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ކޮންގްރެސްގެ ހުއްދަ ހޯދަން ނުވަތަ ހަނގުރާމަ ހުއްޓާލަން ރައީސް ޓްރަމްޕަށް ވަނީ މުއްދަތު ލިބިވަޑައިގެންފަ އެވެ.

އޭޕީން ރިޕޯޓްކުރާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ރަސްމީ ހުއްދަ ހޯދުމަށް ޑިމޮކްރެޓުން ދަނީ ޓްރަމްޕަށް ބާރުއަޅަމުންނެވެ. އަދި 60 ދުވަހުގެ މި މުއްދަތަކީ ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންނަށް ވެސް މުހިންމު ނިންމުމެއް ނިންމަންޖެހޭ ވަގުތެކެވެ. ސަބަބަކީ، އީރާނާ ދެކޮޅަށް ވަގުތީ ފިޔަވަޅުތަކެއް އެޅުމަށް އެ މެންބަރުން ކުރިން ތާއީދުކުރި ނަމަވެސް، ދިގުދެމިގެންދާ އަސްކަރީ ހަރަކާތްތަކެއް ހިންގާނަމަ ކޮންގްރެސްގެ ބަހެއް އޮންނަންޖެހޭނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރާތީ އެވެ.