މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ދެ މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ހިދުމަތް ހޯދާފައިވާ ކަމަށް، އެއެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ އެ އެއާޕޯޓުން ޖުމްލަ 2.35 މިލިއަން މީހުން ހިދުމަތް ހޯދާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު ޕަސެންޓް ކުރިއެރުމެކެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ދަތުރުތަކުގައި ހިދުމަތް ހޯދި ފަސިންޖަރުންނާއި ޑޮމެސްޓިކް ދަތުރުތަކުގައި ހިދުމަތް ހޯދި ފަސިންޖަރުންގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ހޯދި ފަސިންޖަރުން ހިމެނެ އެވެ.

އެ އެއާޕޯޓުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ހޯދާފައި ވަނީ އިންޓަނޭޝަނަލް ދަތުރުފަތުރުގެ ހިދުމަތަށެވެ. މިގޮތުން ފުރާ މީހުންނާއި ރާއްޖެ އަންނަ މީހުން ހިމެނޭ ގޮތަށް، 1.53 މިލިއަން ފަސިންޖަރުން ހިދުމަތް ހޯދާފައިވެ އެވެ. ވީއައިއޭ މެދުވެރިކޮށް ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ހިދުމަތް ހޯދާފައި ވަނީ 317،286 މީހުންނެވެ. ސީޕްލޭން ދަތުރުގެ ޚިދުމަތް ހޯދީ، 498،411 މީހުން ކަމަށް ވެލާނާ އެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، ފުރަތަމަ ކުއާޓާގައި އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ހިދުމަތް ހޯދާފައި ވަނީ 11 ޖެނުއަރީގަ އެވެ. އެ ދުވަހު ވީލް ބޭސް އޮޕަރޭޝަންތަކުގެ ޚިދުމަތް 28،360 މީހުން ބޭނުން ކޮށްފައިވެ އެވެ. އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ މީހުން ސީޕްލޭންގެ ހިދުމަތް ބޭނުންކުރީ، 15 ފެބްރުއަރީގަ އެވެ. އެ ދުވަހު 9،351 މީހުން އެ ހިދުމަތް ބޭނުންކޮށްފައިވެ އެވެ.

އެމްއޭސީއެލް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މުޅި ކުއާޓާގައި ޖުމްލަ 72،128 އެއާޓްރެފިކް މޫވްމަންޓް އެއާޕޯޓުން ރެކޯޑްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއާޓްރެފިކް މޫވްމެންޓްތަކުގެ ތަފްސީލަށް ބަލާއިރު ބައިނަލްއަގުވާމީ ދަތުރުތަކަށް 9978 މޫވްމެންޓް ވަނީ ރެކޯޑްކޮށްފަ އެވެ. ސީޕްލޭން ދަތުރުތަކަށް 54،594 މޫވްމެންޓް ރެކޯޑް ކޮށްފައިވާއިރު އަދި ޑޮމެސްޓިކް ދަތުރުތަކަށް ރެކޯޑްކޮށްފައި ވަނީ 7،556 މޫވްމަންޓެވެ.

އެ ކުއާޓަރުގައި ހާސިލް ކުރެވުނު ކާމިޔާބީއެއް ގޮތުގައި ފާހަގަކޮށްފައި ވަނީ ޗައިނާގެ ގްރޭޓާ ބޭއި އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމެވެ.