ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، މީގެ ކުރިން ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކާއެކު ކައިވެނިން ބޭރުން ގުޅުމެއް ބޭއްވި ކަމަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.

ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މި މައްސަލަ ކަވަރު ކުރަން ފަށާފައިވަނީ، އެ ތުހުމަތުތަކާ ގުޅޭގޮތުން 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި، ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ބައެއް ސާމާނުތައް ގެންދިއުމާ ގުޅިގެންނެވެ. މިގޮތުން އަލްޖަޒީރާ އާއި ބީބީސީ ފަދަ ދުނިޔޭގެ މަޝްހޫރު ނޫސްތަކުން ވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތަކާއި، ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މައްޗަށް ހަބަރުތައް ގެނެސްދީފަ އެވެ.

ނޫސްވެރިކަމުގެ ހައްގުގައި ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ މިކަން ކުށްވެރިކޮށް، ރާއްޖޭގައި ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ ވެސް ވަނީ 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވަނުން ކުށްވެރިކުރައްވައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މި މައްސަލަ އިތުރަށް ގޯސްވެފައިމިވަނީ، މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 'އަދަދު' ނޫހުގެ ނޫސްވެރިއަކު މި ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން ރައީސް ވަނީ ވަރަށް ބޮޑަށް ކޯފާއިސްކުރައްވައި، އެ ތުހުމަތުތައް ސާފުކޮށް ދޮގުކުރައްވާފަ އެވެ. އަދި އެފަދަ ވާހަކަތައް ފަތުރާ ހުރިހާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި، ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ވެސް ރައީސް ވަނީ އެ ބައްދަލުވުމުގައި ދެއްވާފަ އެވެ.

ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ ރައީސްގެ އެ އިންޒާރަށް ފަހުގަ އެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، މިއީ ނޫސްވެރިކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.