މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ކުއްލި ގޮތަކަށް އިންޑިއާގެ މުމްބާއީއަށް ދިއުމުން ގިނަ ބަޔަކު ހައިރާންކޮށްލައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ރިއާނާ މުމްބާއީއަށް ދިޔުމާއެކު، ސޯޝަލް މީޑިއާގައި މި ހަބަރު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
އެއާޕޯޓުން ނުކުތްއިރު އޭނާ ހުރީ ވަރަށް އުފާވެރިކަމާއެކު ހިނިތުންވެލައިގެނެވެ. އެންމެ ފަހުން ރިއާނާ އިންޑިއާއިން ފެނިފައި ވަނީ 2024 ވަނަ އަހަރު، އަނަންތު އަމްބާނީގެ ކައިވެނީގެ ކުރިން ބޭއްވި ފޯރިގަދަ ހަފުލާއިންނެވެ. އެހެންކަމުން، މިފަހަރު އޭނާ އައީ ކޮން ބޭނުމަކުތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު މަޖާ ހިޔާލުތަކާއި ކޮމެންޓްތައް ވަނީ އާންމުވެފަ އެވެ. ބައެއް މީހުން "މިފަހަރު ދެން އޮތީ ކާކުގެ ކައިވެންޏެއްތޯ" ސުވާލުކުރިއިރު، އަނެއް ބަޔަކު ބުނެފައި ވަނީ މިއީ އަނެއްކާވެސް އަމްބާނީ އާއިލާގެ ދައުވަތަކަށް އައި ދަތުރެއް ކަމަށެވެ. ޖާމްނަގަރުގައި ބޭއްވި ފޯރިގަދަ ޝޯއަށްފަހު، ރިއާނާ އިންޑިއާއަށް އަންނަ ކޮންމެ ފަހަރަކު، ގިނަ ބަޔަކަށް އެކަން ސިފަވަނީ ބޮޑު ކައިވެނީގެ ހަފުލާއަކާ ގުޅުންހުރި ކަމެއްގެ ގޮތުގަ އެވެ.
ނަމަވެސް، މިފަހަރުގެ ދަތުރަކީ ކައިވެނީގެ ހަފުލާއަކާ ގުޅުންހުރި ދަތުރެއް ނޫނެވެ. ރިއާނާ އިންޑިއާއަށް މިދިޔައީ އޭނާގެ އަމިއްލަ ވިޔަފާރި ބްރޭންޑް ކަމަށްވާ "ފެންޓީ ބިއުޓީ" ގެ ހަރަކާތެއްގައި ބައިވެރިވުމަށެވެ. "ފެންޓީ ބިއުޓީ ކީ ހަވޭލީ"ގެ ނަމުގައި މިއަދުން ފެށިގެން އަންނަ މެއި 4 އަށް ކުރިއަށްދާ މި ޕޮޕް-އަޕް އިވެންޓަށް އޭނާ މުމްބާއީގައި ގާތްގަނޑަކަށް 10 ދުވަސް ހޭދަކުރާނެ ކަމަށް ބެލެވެ އެވެ. މިއީ އޭނާ އިންޑިއާއަށް ކުރި ދެވަނަ ދަތުރެވެ.
އެހެން ނަމަވެސް، ރިއާނާގެ ފޭނުން ދަނީ އޭނާގެ ޝޯއެއް ބޭއްވުމަށް އަދިވެސް އުއްމީދު ކުރަމުންނެވެ. ކުރީގެ ދަތުރުގައި އޭނާ ފޮޓޯގްރާފަރުންނާއި އާންމުންނާ މެދު ބެހެއްޓި ގާތްކަމާއި ހިތްހެޔޮކަން ގިނަ ބަޔަކު އަދިވެސް ހަނދާން އެބަހުއްޓެވެ. ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން އިންޑިއާގައި ޝޯތައް ބާއްވަމުންދާތީ، ރިއާނާގެ ކޮންސަޓެއް ބާއްވައިފިނަމަ އެއީ ވަރަށް ކާމިޔާބު ކަމަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މިވަގުތަށް، މުމްބާއީގައި އޮތީ ރިއާނާގެ "ފެންޓީ ބިއުޓީ"ގެ ފޯރި އާއި، އޭނާގެ އެއާޕޯޓް ފޮޓޯތަކުގެ ވާހަކަ އެވެ. ކޮންސަޓެއް ބޭއްވުމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ރަސްމީ ހަބަރެއް ލިބިފައެއް ނުވެ އެވެ.