ގައުމީ ކޮންމެ އުފެއްދުމަކީ ދިވެހިންގެ ހިތުގެ ވިންދެވެ. އެއީ ދިވެހިންނަށް ކާބަފައިންގެ ފަރާތުން ވާރުތަ ވެފައިވާ އަގުބޮޑު ހަދިޔާއެކެވެ. އެއީ އަމިއްލަ ވަންތަކަމުގެ ރަމްޒެކެވެ. ދިވެހި ސަގާފީ އުފެއްދުމެއްގައި ހުންނަންވާ ބައްޓަމާއި، ސިފަ އަދި ހަގީގީ ކުލަ ވެސް އެނގޭނީ ދިވެއްސަކަށެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ނަކަލު ކުރެވޭނެ އެއްޗެއްކަން ނޫންކަން މި ހުނަރުވެރިޔާގެ މަސައްކަތުން އެވަނީ ދައްކަ ދީފަ އެވެ.
ޏ. ފުވައްމުލަކަށް އުފަން، އެ ރަށު އާރުސި، މުހައްމަދު އަޒީމް (އަޒީމް)ގެ އެންމެ ދުރު ހަނދާންތަކުގެ ތެރޭގައި ހިމެނެނީ އޭނާގެ މަންމަ ފަރާތު ކާފަ ރާ ބަދިއެއް ހިފައިގެން ރުކަށް އަރާ އުޅުނު ހަނދާންތަކެވެ. އަދި ކާފަގެ ބަދިއެއް ހަލާކުވެއްޖެ ނަމަ، ވަޅިއަކުން ކާއްޓެއްގެ އެތެރެ ކަނޑައި އަދި ގާނައިގެން ބަދި ހަދަން ކުރާ މަސައްކަތެވެ. ގޭތެރެއިން އެ މަސައްކަތް ކުރާތަން ފެނިފައިވުމަކީ އޭގެ އެތައް އަހަރަކަށް ފަހު ވެސް އެމަސައްކަތް އޭނާއަށް ކުރެވިދާނެ ކަމުގެ ޔަގީންކަން ލިބުނު ސަބަބެކެވެ.
"އަޅުގަނޑުގެ ދެފަރާތުގެ އާއިލާއަކީ ވެސް ވަރަށް މަސައްކަތްތެރި އާއިލާއެއް. އަޅުގަނޑުގެ ބައްޕައަކީ ކަނބުރުވެރިއެއް. އަދި މަންމަ ފަރާތު ކާފައަކީ ރާވެރިއެއް. އަޅުގަނޑު ހަނދާން ހުރޭ ކާފަ ރުކަށް އަރާއިރު، މާމަ ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓާކަން. ހިސާބުގަނޑު މީހުން އޭރު އައިސް އަޅުގަނޑުމެން ގޭ ގޯތި ތެރޭގައި އުޅޭނެ. އެތަނުގައި ރޯނު ވެސް ވަށާނެ. ބޮނބި ތަޅައި ހިއްކައިގެން އެކަން ކުރާތަން ފެނިފައިވޭ. އަޅުގަނޑު ބޮޑުވިއިރު ރާވަޅި، ރާބަނދި އަދި ރޯނު ވަށަން ވެސް ވަނީ ދަސްވެފައި،" އަޒީމް ބުންޏެވެ.
ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރަމުންދާ އަޒީމް ފުރަތަމަ ތައުލީމު ހާސިލް ކުރީ ޏ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެއަށްފަހު އޭނާ ވަނީ ޕޮލިޓެކްނިކްގައި އިލެކްޓްރިކަލް (ކަރަންޓް އަދި ވަޔަރިން)ގެ ކޯސްތަކެއް ފުރިހަމަ ކޮށްފަ އެވެ. މި ވަގުތު އޭނާ މަސައްކަތް ކުރަނީ ފުވައްމުލަކުގައި ހުންނަ ނެޝެނަލް ޑްރަގް އެޖެންސީގައި އޮންދަ ޖޮބް ޓްރޭނީއެއްގެ ވަޒީފާ އެވެ.
އަޒީމް ފުރަތަމަ ބަދި ހަދަން ފެށީ "ޖޯއީ ގިފްޓް އެމްވީ" ޕޭޖް ހިންގާ އޭނާގެ ރައްޓެއްސެއް އެ މަސައްކަތް ކޮށްދިނުމަށް އެދުމުންނެވެ. އެއީ އަޒީމް އަކީ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ކުރާ. މީހަކަށް ވުމުން، ބަދި ހެދުމަކީ އޭނާއަށް ކުރެވިދާނެ ކަމަށް އެ ރަހުމަތްތެރިޔާއަށް ފެނުނީތީ އެވެ.
"ރާއްޖެއަށް ބޭރުން ހައްދައިގެން ގެންނަ ބަދި ހުންނަނީ ބުނެވިދާނެ ހަމަ އެއްޗަކަށް އެއްޗެއް ހަދާފައި ކަމަށް. އޭގައި ބޭނުންކޮށްފައި ހުންނަނީ ވެސް ވަރަށް ފަލަ ރޯނު. އަޅުގަނޑުގެ ރަހުމަތްތެރިޔާއަށް އެ ބަދިއަށް ބަލަން ނުކެރިގެން އަޅުގަނޑު ކައިރީ އެހީ ދިވެހި ވަންތަ ބަދިއެއް ހެދިދާނެތޯ. އެމަސައްކަތް ކުރާތަން ގާތުން ފެނިފައި ހުރީމަ އެކަން ކުރެވޭނެ ކަމަށް ބަލައި ރާބަދިއެއް ހަދައި ދިނީ،" އަޒީމް ކިޔައިދިނެވެ.
ބަދި ހެދުމުގެ މަސައްކަތަކީ ބުރަ ކަމެކެވެ. ވަރަށް ގިނަ ވަގުތު ހޭދަވާ މަސައްކަތެކެވެ. އެ މަސައްކަތް ކުރުމަށް ގިނަ އަދަދަކަށް ކާށި ބޭނުން ވެ އެވެ. އަޒީމް މިވަގުތު ރަށުގައި ދިރިއުޅޭތީ ކާށި ލިބުމުގެ ދަތިކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ކާށި ހޮވައިގެން ގެނެސް ކާށީގެ ތޮށި ނަގައި، އޭގެ އެތެރޭގައިވާ ހުދުކާށިތައް އުކުރައި، ތޮށިގަނޑު ގާނާ އޮމާން ކުރުމަކީ ވަރަށް ގިނަ މަސައްކަތެވެ. އަދި ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ.
އަޒީމް ބުނި ގޮތުގައި ކުރީގައި އެކި މިނުގެ ރޯނު ފަސޭހައިން ލިބުނު ނަމަވެސް، މިހާރު ރޯނު ވެށުން މަދުވެފައި ވުމުގެ ސަބަބުން ބޭނުންވާ ހިމަ މިނުގެ ރޯނެއް ނުލިބެ އެވެ. ވީމާ އެންމެ ހިމަ ރޯނު އަމިއްލައަށް ވަށަން ޖެހުނެވެ. ބައްޖެއް ހަދައި އޭގައި ރޯނު ހަރުކުރުމަކީ ވެސް ގިނަ ވަގުތު ހޭދަވާ ކަމެކެވެ. ބަދީގައި ލީކެއް އުޅޭ ނަމަ އެ ބައްދަން ކުރީ ޒަމާނުގައި ބޭނުންކުރާ ބަނބުކެޔޮ ތެރަހެއް ވެސް މިހާރަކު ނުލިބެ އެވެ.
ވީމާ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އޭނާގެ ބަދިތައް އުފެއްދުމުގައި "ޒަމާނީ" އުކުޅުތައް ކޮންމެވެސް ވަރަކަށް މިހާރު ބޭނުންކުރަން ޖެހިފައިވެ އެވެ. މުހިންމީ އިހު ޒަމާނުގައި ބޭނުންކުރި ބަދިިއާ ވީހާ ވެސް ގާތްކުރާ "ދިވެހި ޓަޗް" އެއް އަޒީމްގެ ބަދިތަކުގައި ހުރުމެވެ. އަސްލު ނުގެއްލޭ ގޮތަށެވެ. ރާ ބަދީގެ އިތުރުން އޭނާ ދިވެހިވަންތަ ތަފާތު ގިނަ އެއްޗެހި ވެސް ހަދަ އެވެ. ފޫހި ފިލުވާލުމަށެވެ.
އޭނާ ފުރަތަމަ ހަދައިދިން ބަދި ގިނަ ބަޔަކަށް ކަމުދިޔަ އެވެ. އޭގެ ސަބަބުން އޭނާއަށް އިތުރު ބަދި ހެދުމަށް އޯޑަރު ލިބެން ފެށި އެވެ. މިވަގުތު އޭނާ އެމަސައްކަތް ކުރަނީ ދުރާލާ ލިބޭ އޯޑަރަށެވެ. އެ މަސައްކަތުގަގައި އޭނާގެ އާއިލާ އާއި ގާތް މީހުންގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ގަޑިއަށް މަސައްކަތް ނިންމާލެވޭތީ އެ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެ އެވެ.
"މިވަގުތު މިކަން ކުރާގޮތަކީ މަސައްކަތް ހަވާލުކުރާ ފަރާތުން ވަކި އަދަދަކަށް ބަދި ހަދަން ދުރާލާ އެންގީމަ، އެބުނާ ވަރަކަށް ހަދާފައި ފޮނުވަދެނީ. އާންމުކޮށް ދެތިން ދުވަސް ކުރިއާލާފައި އެމީހުން އަންގާ. ހަދާފައި ފޮނުވާ ހުރިހާ އެއްޗެއް ވެސް ވިކޭ. އެހެންވީމަ ބައްޖަށް އޮތް ޑިމާންޑް ފެނޭ،" އޭނާ ބުންޏެވެ.
އޭނާ އެ މަސައްކަތް ކުރީ ހޮބީއެއްގެ ގޮތުގަ އެވެ. ލިބޭ ހުސް ވަގުތުތަކުގަ އެވެ. އެމަސައްކަތް ކުރަމުން ގެންދާތާ އަހަރުތަކެއް ވެފައި ވަނިކޮށް، އެ މަސައްކަތް އިތުރަށް ދިރުވާ އާލާކުރަން ޖެހިފައިވާކަން އޭނާއަށް އިހްސާސް ކުރެވުނެވެ.
"އަޅުގަނޑު ހެދި ބަދިއެއްގެ ފޮޓޯ ދާދިފަހުން އަޅުގަނޑުގެ ސޯޝަލް މީޑިއާ ޕޭޖެއްގެ ޕްރޮފައިލަށް ލިން. ދެން ދިމާވީ އަޅުގަނޑު ވަރަށް ހައިރާންވި ކަމެއް. އެ ފޮޓޯ ފެނިފައި އަޅުގަނޑުގެ ރައްޓެހި ދެތިން މީހަކު ސުވާލު ކުރަނީ އެއީ ކޯއްޗެއްތޯ. އެ ހިސާބުން އަޅުގަނޑަށް ލަފާ ކުރެވިއްޖެ މީގެ ދެ ޖީލެއް ފަހުން ދިވެހި ރާބަދިއަކީ ދިވެހިން ކީއްކުރަން ބޭނުންކުރި އެއްޗެއްކަން މީހުން ހަނދާން ނެތިދާނެކަން. އެހެންވެ އަޅުގަނޑުގެ ހިތުގައި އެބިރު އަށަގަނެ، މިމަސައްކަތް ކުރިއަށް ގެންދަން ނިންމީ،" އަޒީމް ބުންޏެވެ.
އަޒީމް ބުނިގޮތުގައި ރާއްޖޭގެ ކޮންމެ ގެއަކަށް ލިބޭނެ މިންވަރަށް، އެ އަދަދަށް ރާބަނދި އަދި ރާވަޅި ހިމަނައިގެން "ރާބަދި ސެޓެއް" ތައްޔާރުކޮށް ބާޒާރަށް ނެރުމަކީ އޭނާގެ އުންމީދެކެވެ. އެ މަސައްކަތް ކުރުމަކީ ދިވެހި ފަރުދެއްގެ ގޮތުން އިސްނަގައިގެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އޭނާއަށް ފެނުނީތީ އެވެ.
ދިވެހި ސަގާފީ މަސައްކަތް އެންމެ ރަނގަޅަށް ކުރަން އެނގޭނީ ދިވެހިންނަށެވެ. އަޒީމް ދެކޭ ގޮތުގައި ދިވެހި އުފެއްދުންތައް ނަކަލުކޮށް، އެއިން އާމްދަނީ ހޯދުމުގެ ފުރުސަތު ބޭރު މީހުންނަށް ދީގެން ނުވާނެ އެވެ. ދިވެހި އުފެއްދުންތަކަކީ ކާބަފައިންގެ ފަރާތުން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުން އައިސްފައިވާ އަގުބޮޑު އަމާނާތެކެވެ. ދިވެހިންގެ މަސައްކަތްތެރިކަމުގެ ހެއްކެކެވެ.