ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، މިއަދު އުފައްދަވައިފި އެވެ.

މި އޮފީހަކީ، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި އޮފީހަކީ މި އަހަރުގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް އިއްވެވި ބަޔާނުގައި ހުޅުވާނެކަމަށް އިއުލާންކުރެއްވި އޮފީހެކެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ" ރައީސް އޮފީހުން މިކަމާއި ގުޅިގެން އާއްމުކުރި ހަބަރުގައި ބުނެފައިވެއެވެ.

މި އިދާރާގެ މަސައްކަތްތައް އަމަލީގޮތުން ފެއްޓެވުމަށް ޓަކައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް، ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާކަމަށް ބުންޏެވެ.

މިއަދު ރައީސް ވަނީ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުށަހެޅުމަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް

ބިއުރޯ" ގެ ނަމުގައިވެސް ރައީސް އޮފީހުގައި އިތުރު އޮފީހެއް އުފައްދަވާފަ އެވެ.