ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ދެއްކުމަށްޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުުނު ރިޕޯޓެއް ސަރުކާރުން ސުޕްރީމް ކޯޓުގައި ހުއްޖަތަކަށް ބޭނުންކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ މެމްބަރުންގެ ވޯޓުން ފާސްކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވުމުންނެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން އެ މައްސަލަ ޕާކްކޮށްފައި ބޭއްވުމަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ރިޕޯޓެއްގައި ބުނާ ކަމަށެވެ.
އެ ދިރާސާގެ ނަތީޖާއިން އެނގެނީ އެއީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަން ކަމަށް ދައުލަތުގެ ވަކީލުން ބުންޏެވެ.
ނަމަވެސް އަލީ ހުސައިންގެ ފަރާތުން ވަކާލާތު ކުރަނީ އެއީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފް އިސްލާހެއް ކަމަށް ބުނެ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.
އެ މައްސަލަ ނިމެންދެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރުމަށާއި އަދި އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު ފިޔަވަޅެއް ނާޅަން އެ މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.
އެ މައްސަލަ ބައްލަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނަކީ މި ސަރުކާރުން އައްޔަންކުރި ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެ ބެންޗުގެ ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.
އެ މައްސަލަ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރިއަށް ގެންދަނިކޮށް އެންޓި ކޮރަޕްޝަން (އޭސީސީ) މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރި އެވެ. އެ ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އެކަން އެގޮތަށް ކުރީ ސަރުކާރުން ބޭނުންވެގެން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވަކިކޮށްފި
ލިޓަންއާއެކު ދަތުރުކުރި ނިޒާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ