ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު އެމްޑީޕީން ރައްދު ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން އެކަމަށް ހުރަސްއަޅައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ހަމަނުޖެހުމެއް ހިންގައިފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމަށް އާއްމުންގެ ފެންނަ ނުފެންނަ ވޯޓުން ބޮޑުތަނުން ނާކާމިޔާބުވި ޕީއެންސީން ވަނީ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ބަޔާނަށް ހުރަސްއަޅަން ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސީ ބަޔާނަށް ރައްދު ދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ފުރުސަތު ހޯއްދަވައި ބަޔާން އިއްވަވަން ފެއްޓެވުމާއެކު، ޕީއެންސީގެ މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށް ހަޅޭއްލަވައިފަ އެވެ. އަދި ބައެއް މެންބަރުން ގޮނޑިން ތެދުވެވަޑައިގެން ނާޒިލްގެ ވާހަކަފުޅަށް ހުރަސްއަޅަން މަސައްކަތް ކުރެއްވިއިރު، މީގެ ތެރޭގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހުވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ތަޅުމުގެ މަސްލަހަތު ގެއްލުމާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ބައެއް މެންބަރުންގެ ނަން އިއްވައި، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް އަންގަވައިފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަށް، މަޖިލީހުގައި ތިބި ޕާޓީތަކުގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީން ޖަވާބުދާރީވާން ޖެހެ އެވެ. މިވަގުތު މަޖިލީހުގައި ޕީއެންސީގެ 74 މެންބަރުން ތިއްބެވިއިރު، އިދިކޮޅު އެމްޑީޕީގައި ތިއްބެވީ 12 މެންބަރުންނެވެ. އެހެންކަމުން މި އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގާނޫނީ ޒިންމާ އޮތީ އެމްޑީޕީގެ އަތްމަތީގަ އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް ދޭ ޖަވާބަކީ، ރައީސްގެ ޕާޓީ ފިޔަވައި އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ޚިޔާލު ހިމަނައިގެން ތައްޔާރުކުރަންޖެހޭ ބަޔާނެކެވެ.