ސުޕްރީމް ކޯޓުގެ ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 29 އޭޕްރިލް ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ. މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު މި މުއްދަތުގައި އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 6 ޖޫންގެ ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހު އެވެ.

މި އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގެވެ. ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު އަދި ކަނޑައެޅިފައެއްނުވެ އެވެ.