މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށާއި، މަގާމުން ވަކިކުރި އިސް ދެ ބޭފުޅުންގެ މަގާމު އިއާދަކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.

މައްސަލަގަނޑުގެ ތެރޭގައި ވަކިކުރި އެމްޑީޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ވަހީދު (އިބުރޭ) އާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު އަލުން އިއާދަކުރަން މިރޭ ބާއްވާ އެ ޕާޓީގެ ސިއްރު ބައްދަލުވުމުގައި ނިންމަން ވަނީ ހަމަޖައްސައިފަ އެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކުރީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ އޭޕްރިލް 6 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގަ އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު މި ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށް ލީޑަޝިޕްގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން ނިންމާފައިވާކަން 'ހުރިހާ' އަށް ވަނީ އެނގިފަ އެވެ.

މި މައްސަލަ ކުރިން ހުށަހެޅީ ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮއިއާއެކު މިދިޔަ ބުދަ ދުވަހުއެވެ. އެ މައްސަލައިގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ކުރީގެ ވަޒީރުން ކަމަށްވާ އިބްރާހިމް އަމީރު އަދި މާރިޔާ އަހުމަދު ދީދީގެ އިތުރުން ރޮޒައިނާ އާދަމް އާއި މުހައްމަދު ނާޝިޒް ހިމެނިވަޑައިގަންނަވައެވެ.

މި ނިންމުންތައް ނިންމާ ބައްދަލުވުން ސިއްރުކޮށް މިރޭ ކުރިއަށް ގެންދިޔަ ނަމަވެސް، އެ ބައްދަލުވުމުގައި ނިންމާ ކަންކަން މީޑިއާއާ ހިއްސާކުރުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯއްދެވިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ އިއުލާން ކުރައްވާފަ އެވެ.