މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ޓެކްސީ ޚިދުމަތުގައި ބޭނުންކުރާ ކާރުތަކަށް ޓެބްލެޓް ހޯދުމުގެ ނަމުގައި ބޮޑު ވައްކަމެއް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.
އެމްޓީސީސީގެ ޓެކްސީތަކަކީ މިހާރު ވެސް މަލްޓިމީޑިއާ ސްކްރީންތައް ހަރުކުރެވިފައިވާ އުޅަނދުތަކަކަށް ވީނަމަވެސް، އިތުރު ފަންކްޝަންތައް ބޭނުންވާ ކަމަށް ބުނެ އެ ކުންފުނިން ވަނީ 300 ޓެބްލެޓް ގަތުމަށް ނިންމާފަ އެވެ. މި މުއާމަލާތް ހިންގާފައި ވަނީ "ޓެކްނޭ" ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 300 ޓެބްލެޓްގެ ތެރެއިން 150 ޓެބްލެޓް މިހާރު ވަނީ ޑެލިވަރީ ކޮށްފަ އެވެ. ބާކީ ހުރި 150 ޓެބްލެޓަށް ވާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ. މިފަދަ މުއާމަލާތްތަކުގައި ދެ ފުށް ފެންނަ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރުމަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއް ސަބަބެވެ. އެގޮތުން މި މަޝްރޫއު ވެސް ސަރުކާރުގެ ބައެއް ސިޔާސީ މީހުންގެ އާއިލީ މަސްލަހަތު އޮންނަ ބަޔަކަށް ދިންކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ ޕްރޮކިއުމަންޓްތަކުން ވައްކަން ކުރުން އިތުރުކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި މިފަދަ ވައްކަންތަކަށް މަގުފަހިކުރުމަށްޓަކައި، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ފަރާތްތައް ބާރުގަދަ މަގާމުތަކަށް އައްޔަން ކުރަމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން އިއްޔެ އެސްޓީއޯގެ ޕްރޮކިއުމަންޓްގައި މަސައްކަތްކުރި މުހައްމަދު ޝުޖާއު ފެނަކަގެ ރިސޯސް ޕްރޮކިއުމަންޓްގެ ވެރިޔަކަށް ވަނީ އައްޔަންކޮށްފަ އެވެ.
އެމްޓީސީސީގެ ޓެކްސީ ހިދުމަތަކީ ފެށުނީއްސުރެ ކޮރަޕްޝަނުގެ ތުހުމަތުތަކުން ކުރަމުން އަންނަ ހިދުމަތެކެވެ. މީގެ ކުރިން މަސައްކަތް ނުކުރާ ޓެކްސީ އެޕެއް ހެދުމަށް "ފިކްސްޑް މޯލްޑިވްސް" އަށް 13 މިލިއަން ރުފިޔާ ދީފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. މިފަދަ ހިޔާނާތްތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުންނެވެ.
އެތައް ބަޔަކަށް ލަނޑުދިން އަންމަޓީގެ މައްސަލަ ސާބިތު ނުވި
ތިމަރަފުށީ ޓެރަރިޒަމް މައްސަލައިގެ ޝަރީއަތް ނިމުމަކާ ހަމައަށް