މިސަރުކާރުން ބަދަލުގެ ގޮތުންގައި އެކި ފަރާތްތަކަށް ދޫކުރާ ފައިސާތަކުގެ މައްސަލަ ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ "ރައީސް އިސްކަން ދެއްވަނީ ވަޢުދު ފުއްދެވުމަށް، ނިޒާމް ބަދަލުކުރާކަށް ނޫން: މަބްރޫކް" މިޙަބަރު ހިއްސާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ނިޒާމުގެ އަވާގައި ރައްޔިތުން ޖައްސާފައި ވައުދު ފުއްދުމުގެ ބަދަލުގައި އުސޫލުން ބޭރުން ޓެކްސް ފައިސާ ބަދަލުގެ ގޮތުގައި ކައިރީގައި ތިބި ބަޔަކަށް ބެހުން ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި ފައިސާ ބަހާ ގުރޫޕު (ސެޓެލްމެންޓް ކޮމިޓީ) ގެ ޖަރީމާތައް އިރާދައް ކުރެއްވިއްޔާ ބައްލަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ މިސަރުކާރުން ބަދަލު ދިނުން ހުއްޓާ ނުލާނެ ކަމަށާއި އަދި ދެމުންގެން ދަނީ ހައްޤު ބަދަލު ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދެއްވާފައިވާކަން ފާހަގަކުރެވެ އެވެ.

ސަރުކާރުން މަންދު ކޮލެޖަށް ބަދަލު ދިނުމުގައި އަމުލުކުރަމުން އަންނަ ގޮތާމެދުގައި އެމްޑީޕީ ބައެއް މެމްބަރުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިމައްސަލާގައި އޮޑިޓަރ ޖެނަރަލް ލަފަޔާ ހިލާފަށް ބަދަލުދޭ ކަމަށް ބުނެފައިވާއިރު އެކަން ސަރުކާރުގެ ބަންޑާރަ ނައިބް ވަނީ ދިފާއުކޮށް ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ބުނެފައިވަނީ ސަރުކާރުން މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެނީ ހައްގު މިންވަރު ކަމަށާއި އޮޑިޓަރ ޖެނެރަލް ދީފައިވާ ލަފަޔަކީ ގާނޫނުތަކާއި ހިލާފަށް ދީފައިވާ ލަފަޔެއް ކަމަށެވެ.