ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ބުނިގޮތުގައި މި ސަމާލު ނެރެފައި ވަނީ މިރޭ 7:30 އިން ފެށިގެން މެންދަމު 1:00 ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދަށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަނޑުތައް ގަދަވާނެ އެވެ.

މިއަދު މެންދުރު ފަހުން ފެށިގެން މިރޭ 9:30 އާ ހަމައަށް ވެސް އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައި ބާރުވެދާނެ ކަމަށް ވެސް އެ އިދާރާއިން މިއަދު ނެރުނު ސަމާލުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ބަދަލުވަމުންދާ މި ދުވަސްވަރު، ކަނޑުމަތީގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.