މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވަކިވަކި ލީޑަރުންގެ މަސްލަހަތަށް ވުރެ، ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާ މީހަކު އެ ޕާޓީގެ ހުންގާނާ ހަވާލުވެގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ މީކާއިލް މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑީއޯއެއްގަ އެވެ.
މީކާއިލް ވިދާޅުވީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ގެއްލިފައިވާ އިތުބާރު އެމްޑީޕީން އަނބުރާ ހޯދަން ޖެހޭ ކަމަށެވެ.
"އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ފަރާތެއް ޕާޓީގެ ހުންގާނާ ހަވާލުވެގެން،" މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައްޔާޒް އިސްތިއުފާ ދެއްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. މިހާރު ވަގުތީ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
ނަމަވެސް، ވަގުތީ ޗެއާޕާސަން ޣަފޫރު ނިންމަވާފައިވާ ބައެއް ނިންމުންތަކާ މެދު ޕާޓީގެ އެތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މިކަމާ ގުޅިގެން ޣަފޫރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ދަނީ ސޮއި ހަމަކުރަމުންނެވެ. މި މަސައްކަތުގައި ފައްޔާޒް އިސްމާއިލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަންތަކުން ބައިވެރިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މީކާއިލް އަކީ 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީގައި ހަރަކާތްތެރިވަމުން އަންނަ، ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ދިފާއުކުރައްވާފަ އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ހުރިހާ އިންތިޒާމުތަކާއި އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތެވެ.
ފިނި ކޮށްގެން ފެން ބުއިމަކީ އެންމެ ސަޅި ގޮތެއް ނޫން!
ރިޓަޔާ ކުރަން ފަރުހާދު ފިކުރީއަށް ރައީސް މުއިއްޒު އަންގަވައިފި