އެމެރިކާ ސިފައިން އީރާނަށް ދެމުންދިޔަ ހަމަލާތައް ދެ ހަފުތާއަށް މެދުކަނޑާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން އިއުލާން ކުރައްވައިފި އެވެ.

މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން ބުނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގައި ހުކުރު ދުވަހު އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓަރު ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް މަގުދެއްކުމުގެ ކަންކަން އެ ގައުމުގެ އަސްކަރިއްޔާއިން ވިލަރެސްކުރާނެ އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެ ގައުމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އީރާނުން ހުށަހެޅި 10 ނުކުތާގެ ޕްލޭން ގަބޫލުކުރުމަށް އެމެރިކާއަށް މަޖުބޫރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ މަސައްކަތްތައް ބަލައިގަތުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުގެ ހުށަހެޅުމަކީ މަޝްވަރާކޮށްގެން ކުރިއަށް ދެވިދާނެ ފަދަ އަސާސެއް ކަމަށެވެ. މިއަދުގެ ކުރީކޮޅު ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އެމެރިކާއާއި އީރާނާ ދެމެދު ސިޔާސީ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުށަހަޅުއްވާފަ އެވެ.

ހަނގުރާމަ މެދުކަނޑާލަން ނިންމުމާއެކު އީރާނުގެ ރައްޔިތުންދަނީ އުފާ ފާޅުކުރަމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ދެމެދުގައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށްޓަކައި އެމެރިކާ އާއި އީރާނުގެ ލީޑަޝިޕަށް ޕާކިސްތާނަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު އަރުވާފަ އެވެ.

އޭޕްރީލް 10 ވާ ހުކުރު ދުވަހު އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމްއާބާދު ޓޯކްސް ގައި ބައިވެރިވެ، ހުރިހާ ދެބަސްވުންތަކެއް ނިމުމަކަށް ގެނައުމަށް ޝަރީފް ވަނީ އެމެރިކާ އާއި އީރާނުގެ ވަފުދުތަކަށް ދައުވަތު ދެއްވާފަ އެވެ.

އަދި "އިސްލާމްއާބާދު ޓޯކްސް" މެދުވެރިކޮށް ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އުފާވެރި ޚަބަރުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޓްރަމްޕް ވަނީ ފާއިތުވި 48 ގަޑިއިރު ތެރޭގައި ތަކުރާރުކޮށް އީރާނަށް ވަރުގަދަ އިންޒާރުތައް ދެއްވާފަ އެވެ. އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އީރާން ނެތިކޮށްލާނެ ކަމަށް ޓްރަމްޕް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ ރައްދުގައި އީރާނުން ބުނެފައިވަނީ، އެމެރިކާއިން ހަމަލާއެއް ދީފި ނަމަ ގަލްފުގެ އަވަށްޓެރި ގައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ ބަދަލުހިފާނެ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ތެހެރާނުން ވަނީ އޭރު ދެކޮޅު ހަދާފަ އެވެ.