ލޯކަލް ކައުންސިލު އިންތިހާބު ނިމުމާއެކު، ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ފަށައިފި އެވެ.
އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ ކަރަންޓު ކަނޑާނެ ގަޑިތައް ހިމަނާފައިވާ ޝެޑިއުލެއް އާންމުކޮށްފަ އެވެ. ފެނަކައިން ބުނެފައިވާ ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ ޖެންސެޓަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
މި ޝެޑިއުލާ އެއްގޮތަށް މިރޭ އިރުއޮއްސި 6:00 އިން ފެށިގެން ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. ފެނަކައިން ނިންމާފައިވަނީ މިރޭ 12:00 ޖެހުމާ ހަމައަށް އެކި ވަގުތުތަކަށް ބަހާލައިގެން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށެވެ. ނަމަވެސް، ލޯޑު މަތިނުވާނަމަ ބައެއް ސަރަހައްދުތަކުން ކަރަންޓު ނުކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މި ދަނޑިވަޅަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކާއެކު، ރާއްޖެއަށް ބޭނުންވާ މިންވަރަށް ތެޔޮ ނުލިބިދާނެ ކަމުގެ ބިރު ހީވެފައިވާ ވަގުތެކެވެ.
އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ތެލުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އިންތިހާބަށްފަހު އެކި ގަޑިތަކުގައި ކަރަންޓު ކެނޑުމާ މެދު ސަރުކާރުން ވަނީ ކުރިން ވެސް މަޝްވަރާކޮށްފަ އެވެ. އެހެންނަމަވެސް، އިންތިހާބުގެ ކުރިން ސަރުކާރުން ވަނީ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުގެ މައުލޫމާތު ސިއްރުކޮށްފަ އެވެ.
އިންތިހާބު ނިމުމާއެކު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކާއި އޮފީސްތަކުން ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން، މޯލްޑިވްސް ފިޝަރީޒް އެންޑް ކޯޕަރޭޝަން (މިފްކޯ) އިން ވަނީ މަސައްކަތުގެ ވަގުތު ކުރުކޮށް، މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ނުވަތަ އޯޓީ ކަނޑާލަން ނިންމާފަ އެވެ.
މީގެ އިތުރުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ އޮފީސް) ވަނީ ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
"އިނގިލި ޖަހާފައި ގޭގައި" ތިބޭ މުވައްޒަފުން ވަކިކުރަނީ
ގަވާއިދުން ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް: ދިރާސާ
ރިޓަޔާ ކުރަން ފަރުހާދު ފިކުރީއަށް ރައީސް މުއިއްޒު އަންގަވައިފި