ރ. އަލިފުށީ ގެއެއްގައި މިއަދު މެންދުރު ރޯވި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މި ހާދިސާގައި ރޯވެ ގެއްލުން ލިބުނީ އެ ރަށު އައިރިސްގޭ ގަ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ނައިފަރު ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށި ކަމަށެވެ.

އެ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ އާއްމުން ފުލުހުންނާ ގުޅިގެންނެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު މި ހާދިސާގައި އެގެ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ.

ރ. އަލިފުށީ އައިރިސްގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފަހު އެތަން ބަލަނީ. ފޮޓޯ: އަލިފުށި ލައިވް

"އެ ގޭގެ ގިނަ ފާރުތައް ވެސް ވަނީ ވެއްޓިފައި. ރޯވީ ކީއްވެގެން ކަމެއް ނޭނގެ،" އެ މީހާ ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ އަލިފުށި އައިރިސް ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ގޭގައި ދިރިއުޅެމުންދާ ފަަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން އެ އޮތޯރިޓިީން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ރ. އަލިފުށީ އައިރިސްގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އަލިފުށި ލައިވް

"މީގެ އިތުރުން އައިރިސްގެ އާއި އިންވެގެން ހުރި ދޯޅަބުގެ ފާރަށް ވެސް މި ހާދިސާގައި ގެއްލުން ވެފައިވޭ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ،" އެ އޮތޯރިޓީން ބުންޏެވެ.

ރޭގެ ވަގުތެއްގައި ގއ. ވިލިނގިލީގައި ހުންނަ ތައުލީމީ މަރުކަޒުގައި ވެސް ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.