މިދިޔަ މާޗް މަހަކީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ވިދިވިދިގެން މަތިވި ދެވަނަ މަސް ކަމަށާއި، މިއީ މިދިޔަ ޑިސެމްބަރު މަހަށް ފަހު އަގުތައް އެންމެ މައްޗަށް އުފުލުނު ފަހަރު ކަމަށް އދ. އިން ހާމަކޮށްފި އެވެ.
ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް މިންކުރާ "ފާއޯ ފުޑް ޕްރައިސް އިންޑެކްސް" މިދިޔަ މަހު އެވްރެޖްކޮށް 128.5 ޕޮއިންޓުގައި ހުރިއިރު، މިއީ ފެބުރުވަރީ މަހާ އަޅާބަލާއިރު 2.4 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރު ދުނިޔޭގައި ގޮވާން އުފައްދާނެ ކަމަށް ލަފާކުރާ މިންވަރު އދ. އިން ވަނީ 3.036 ބިލިއަން މެޓްރިކް ޓަނަށް މަތިކޮށްފަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 6 އިންސައްތައިގެ އިތުރުވުމެކެވެ.
މި ތަފާސްހިސާބުތައް ހާމަކޮށްފައި މިވަނީ، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗެއިންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އދ. އާއި ބައިނަލްއަގުވާމީ އެހެނިހެން ޖަމިއްޔާތަކުން ތަކުރާރުކޮށް އިންޒާރު ދެމުންދާ ދަނޑިވަޅެއްގަ އެވެ.
ހަނގުރާމަ އިތުރަށް ވަރުގަދަވުމުގެ ސަބަބުން، ކާބޯތަކެއްޗާއި ތެލުގެ އަގުތައް އިންތިހާއަށް އުފުލި، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރާފާނެ ކަމުގެ އިންޒާރު، އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް އިންވެސް ވަނީ ބުނެފަ އެވެ. މިކަމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ ބަނޑުހައިހޫނުކަން އިތުރަށް ގޯސްވެގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
ހަނގުރާމައިގެ ސަބަބުން މުދާ އުފުލުމުގެ ނިޒާމަށް ބުރޫއަރައި، ތަކެތީގެ އަގު ބޮޑުވެ، އާއިލާތަކުގެ މާލީ ގާބިލުކަން ކުޑަވަމުން ދިއުމަކީ، މިހާރުވެސް ދަތި ހާލުގައި ތިބި މީހުން ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑު ނުރައްކާތެރި ހާލަތަކަށް ވެއްޓިގެންދާނެ ކަމެއް ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލައިފި
ރާއްޖޭގެ %70 މީހުން ލޮނު ބޭނުންކުރާ މިންވަރު މާ ގިނަ!