އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، އެ ގައުމުގެ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖް މަގާމުން ވަކިކޮށްފި އެވެ.
މިއީ ޕެންޓަގަންގެ އެންމެ އިސް ސަފަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
ޕެންޓަގަން އިން ވަނީ ޖެނެރަލް ޖޯޖް ވަގުތުން ވަޒީފާއިން ރިޓަޔާ ކުރައްވާނެކަން ކަށަވަރުކޮށްދީފަ އެވެ. އޭނާގެ ދައުރު ހަމަވާން އަދި އަހަރަކަށް ވުރެ ގިނަ ދުވަސް އޮތް ނަމަވެސް، ހެގްސެތު ވަނީ އޭނާ މަގާމުން ވަކިކުރަން ނިންމާފަ އެވެ.
ޕެންޓަގަންގެ ބަޔާނުގައި ޖޯޖް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ޖެނެރަލް ޖޯޖްގެ އިތުރުން، އާމީގެ ޓްރާންސްފޯމޭޝަން އެންޑް ޓްރެއިނިން ކޮމާންޑްގެ ވެރިޔާ ޖެނެރަލް ޑޭވިޑް ހޮޑްނޭ އާއި އާމީ ޗެޕްލިން ކޯޕްސްގެ ވެރިޔާ މޭޖަ ޖެނެރަލް ވިލިއަމް ގްރީން ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ޖެނެރަލް ޖޯޖްގެ ބަދަލުގައި ވަގުތީ ގޮތުން އާމީ ޗީފް އޮފް ސްޓާފްގެ މަގާމާ ހަވާލުވާނީ ޖެނެރަލް ކްރިސްޓޮފަ ލަނީވް އެވެ.
މި ބަދަލުތައް މި އައީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުވެ، އީރާނާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ. ހަނގުރާމައެއްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލަކު މަގާމުން ވަކިކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޖެނެރަލް ޖޯޖަކީ 2023 ވަނަ އަހަރު އެ މަގާމަށް އައްޔަންކުރެވުނު، އިރާގާއި އަފްޣާނިސްތާނު ހަނގުރާމައިގެ ތަޖުރިބާކާރު އޮފިސަރެކެވެ. އޭނާ މަގާމުން ވަކިކުރިކަން އާމީގެ އިސްވެރިންނަށް ވެސް އެނގުނީ އެކަން އާންމުކޮށް އިއުލާންކުރި ވަގުތު ކަމަށް އޮފިޝަލުން ބުނެ އެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލްގެ މަގާމުން ވަކިކޮށްފި
އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލައިފި
ރާއްޖޭގެ %70 މީހުން ލޮނު ބޭނުންކުރާ މިންވަރު މާ ގިނަ!