އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ކުރަމުން އަންނަ ކެމްޕެއިންނަށް ފައިސާ ހޯދުމަށް "ކަޓު ނަގައިގެން" ހުޅުމާލެއިން 600 އަށްވުރެ ގިނަ ޕާކިން ސްލޮޓް ވިއްކި ކަމުގެ ތުހުމަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަމާޒުވެއްޖެ އެވެ.
އެޗްޑީސީގެ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގެ ހަތް ސަރަހައްދަކުން 600 އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވަނީ އުސޫލުން ބޭރުން ވިއްކާލާފަ އެވެ. މި ސްލޮޓްތައް ވިއްކާފައިވަނީ އެއްވެސް އިއުލާނެއް ކުރުމެއް ނެތި، ބޮޑު އަގުގައި ކަޓު ނަގައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
މި މުއާމަލާތްތަކުގެ ތަފްސީލް ދިން މަސްދަރަކުން ބުނި ގޮތުގައި، ބައެއް މީހުންގެ އަތުން 35,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަޓުގެ ގޮތުގައި ނަގާފައިވެ އެވެ.
"މިއީ އިންތިހާބަށް ފައިސާ ހޯދުމަށް ކުރާ ކަމެއް. ބައެއް މީހުން އަތުން އެބަހުރި ސްލޮޓްތައް ސެކިއޯ ކުރަން 50,000ރ. ވެސް ނަގާފައި ކަޓުގެ ގޮތުގައި،" އޭނާ ބުންޏެވެ.
މި ސްލޮޓްތަކުން އެޗްޑީސީއަށް ރަސްމީކޮށް ލިބޭނީ ނިސްބަތުން ވަރަށް ކުޑަ އާމްދަނީއެއް ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނާ އެންމެ ކުޑަ އަދަދު ކަމަށްވާ 35,000 ރުފިޔާއިން ބަލާ ނަމަވެސް، 600 ސްލޮޓުން ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ ލިބޭނެ އެވެ. ނަމަވެސް މިއީ އެޗްޑީސީގެ ރަސްމީ އެކައުންޓްތަކަށް ވަންނާނެ ފައިސާއެއް ނޫން ކަމަށް ތުހުމަތު ކުރާ ފަރާތްތަކުން ބުނެ އެވެ.
މި ތުހުމަތުތަކާ ގުޅިގެން އެޗްޑީސީން ވަނީ އެކަން ދޮކުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެގޮތުން ކުންފުނިން 600 އެއްހާ ސްލޮޓް ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނާ ވާހަކައާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ކޯޕަރޭޝަނުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ދަށުން އެ ހުޅުމާލޭގެ އެކި ސަރަހައްދަތަކުން ޕޮކެޓް ޕާކިން ދޫކުރުމަށް، އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނާ ގުޅިގެން އެ ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާ ކަމަށާއި އުސޫލުގެ ތެރެއިން އެ ފަރާތްތައް އިވެލުއޭޓްކޮށް. ޝަރުތުހަމަވި މީހުންގެ ލިސްޓު އާންމުކޮށް، އިއުލާންކުރި ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެގޮތަށް އާންމުކޮށް އިއުލާނުކޮށް، ހާމަކަން ބޮޑު ގޮތެއްފައި ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުން އަރާ ގޮތަށް ހަގީގަތާ ހިލާފަށް ދޮގު ފަތުރަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެކެވެ.
އެޗްޑީސީން ބުނީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕާކިން ސްލޮޓްތައް ވިއްކަމުންދާ ކަމަށް ބުނެ އެ ކޯޕަރޭޝަންގެ އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު ޝާއިއު ކުރުމަކީ ކުށްވެރިކުރާ ކަމެއް ކަމަށެވެ. އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު އާންމުކުރާ މީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް އެ ކުންފުނިން ބުނެޏެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ ރައްޔިތުންނަށް ދޭ މިފަދަ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފަތުރަށް އިލްތިމާސްކޮށްފަ އެވެ.
ހޯމް މިނިސްޓްރީއަށް ޕީއާރް މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ
"ސުޕަ މާރިއޯ ގެލެކްސީ" މޫވީއާއެކު އާ ރަހައެއް!
ކެމްޕޭނަށް ދިޔުމުން ޑެޕިޔުޓީ މިނިސްޓަރުކަމުން ވަކިކޮށްފި