މެދުއިރުމަތީގެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުވޭނީ ހަމަ އެކަނި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ކަމަށް ވިދާޅުވެ، ވީހާ ވެސް އަވަހަކަށް އެ ހަނގުރާމަ ހުއްޓުވައިދިނުމަށް ޓްރަމްޕްގެ ކިބައިން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް- ސީސީ އެދިވަޑައިގެންފި އެވެ.
ސީސީ ވިދާޅުވީ އެ ހަނގުރާމަ ހުއްޓުވުމުގެ ގާބިލުކަން ހުރި ހަމައެކަނި ބޭފުޅަކީ ޓްރަމްޕް ކަމަށެވެ.
މިސްރުގެ އިންޓަނޭޝަނަލް އެނާޖީ ކޮންފަރެންސް އެންޑް އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީސީ ވިދާޅުވީ އަމިއްލަ ނަމުގައާއި ސުލްހައަށް ލޯބިކުރާ ކޮންމެ މީހެއްގެ ނަމުގައި ޓްރަމްޕަށް ދަންނަވަން އޮތީ އެންމެ ވާހަކައެއް ކަމަށާއި އެއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެހީތެރިވެދިނުމަށް ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އެހެން ބޭފުޅުންގެ ނަމުގައި ވެސް ޓްރަމްޕަށް އިލްތިމާސް ކުރަނީ ހަނގުރާމަ ހުއްޓުވައި ދެއްވުމަށް. ތިޔަބޭފުޅާ އަކީ އެކަން ކުރެއްވުމުގެ ގާބިލުކަން ހުރި ހަމަ އެކަނި ބޭފުޅާ،" ސީސީ ވިދާޅުވި އެވެ.
ހަނގުރާމަ ކުރިއަށްދާނަމަ ދުނިޔޭގެ އިގްތިސާދަށް، ހާއްސަކޮށް ހަކަތައިގެ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމުގެ އިންޒާރު ރައީސް ސީސީ ދެއްވި އެވެ. މިހާރު ވެސް ހަކަތަ ލިބުމުގެ ދަތިކަމާއި އަގުތައް އުފުލުމުގެ މައްސަލަ ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި، ހަނގުރާމަ ދިގުލައިގެންދާނަމަ ސްޓްރެއިޓް އޮފް ހޯމްޒް ބަންދުވުމުގެ އިތުރުން ހަކަތަ އުފައްދާ ތަންތަނަށް އަމާޒުވެދާނެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގުތައް އިންތިހާއަށް އުފުލިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ ކުރިން ގާޒާ ހަނގުރާމައިގެ ދުވަސްވަރު ވެސް ރައީސް ޓްރަމްޕަށް މިފަދަ އިލްތިމާސެއް ކުރެއްވިކަން ސީސީ ހަނދާން ކޮށްދެއްވި އެވެ. އެ ފަހަރު ޓްރަމްޕްގެ ސުލްހައިގެ ޕްލޭނާއެކު ޝަރްމުއްޝައިޚް ސަމިޓް ބާއްވައި، ހަނގުރާމަ ހުއްޓުމަކަށް ގެނެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.
އެމެރިކާއަކީ ދުނިޔޭގެ ބާރުގަދަ ގައުމެއްގެ ގޮތުގައި އޮވެ، މި ހާލަތު ބަދަލުކުރުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންވާކަމަށް ސީސީ ވިދާޅުވި އެވެ.
މިސްރުގެ ރައީސްގެ ތަރުޖަމާނު ސަފީރު މުހައްމަދު އެލް ޝެނާވީ ވިދާޅުވި ގޮތުގައި ފާއިތުވި ފަސް އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19، ރަޝިޔާ- ޔޫކްރޭން ހަނގުރާމަ އަދި ގާޒާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި، ގަސްކާނާއާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު އުފުލި، އިގްތިސާދު ބަލިކަށި ގައުމުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނުވަވަނަ ފަހަރަށް ބޭއްވޭ އިޖިޕްޓް 2026 ކޮންފަރެންސަކީ އުތުރު އެފްރިކާއާއި މެދުތެރޭ ކަނޑުގެ ސަރަހައްދުގައި ބޭއްވޭ ހަކަތައިގެ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ސައިޕްރަސްގެ ރައީސް ނިކޯސް ކްރިސްޓޯޑޫލައިޑްސްގެ އިތުރުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފި
ޓްރީ ޓޮޕް އިން ޕެއިން މެނޭޖްމަންޓް ކްލިނިކެއް ތައާރަފުކޮށްފި
ދިރާގުގެ ޕާޓްނާ ފިހާރައާއެއް ވިލިމާލޭގައި