ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ އެޗްބީއޯ މެކްސްގެ ހިދުމަތް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް ދޭން ފަށައިފި އެވެ.

އެ ޕްލެޓްފޯމް ހިންގާ ކުންފުނި ކަމަށްވާ ވޯނާ ބްރަދާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހިދުމަތް އޭޝިއާ ޕެސިފިކްގެ ގައުމުތަކަށް ތައާރަފް ކޮށްފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ބޫޓާންއާއި ފިޖީއާއި ކިރިބަތީއާއި މާޝަލް އައިލެންޑްސްގެ އިތުރުން ސަމޯއާއާއި ޓޮންގޯ ވެސް ހިމެނެ އެވެ.

މަހުން މަހަށް ދައްކާ ގޮތަށް ސަބްސްކްރައިބް ކުރެވޭ އެ ޕްލެޓްފޯމްގެ ސްޓޭންޑަޑް ޕެކޭޖްގެ އަގަކީ 9.99 ޑޮލަރެވެ. ޕްރިމިއަމް ޕެކޭޖްގެ އަގަކީ މަހަކު 12.49 ޑޮލަރެވެ.

އެޗްބީއޯއަކީ މުނިފޫހި ފިލުވުމުގެ ދާއިރާގެ ކާމިޔާބު ގިނަ އުފެއްދުންތަކެއް ގެނެސްދޭ ޕްލެޓްފޯމެކެވެ. މިވަގުތު އެ ޕްލެޓްފޯމުން ލިބެން ހުރި ކޮންޓެންޓް ތަކުގެ ތެރޭގައި ހޮލީވުޑްގެ އުފެއްދުންތައް ކަމަށްވާ "ސިނާސް"އާއި "ވަން ބެޓަލް އާފްޓާ އަނަދާ" ހިމެނެ އެވެ.

މީގެ އިތުރުން "ފްރެންޑްސް"، "ބިގް ބޭންގް ތިއަރީ" އަދި "އެޑްވެންޗާ ޓައިމްސް" ފަދަ އާއިލީ އުފެއްދުންތައް ވެސް އެ ޕްލެޓްފޯމުން ބަލާލެވޭނެ އެވެ.

އެޗްބީއޯ މެކްސްގެ ޕެކޭޖުތަކަށް ބަލާއިރު ސްޓޭންޑަޑް ޕެކޭޖްގައި ފަސް ޕްރޮފައިލް ހެދޭއިރު އުމުރާ ގުޅޭގޮތަށް އުފެއްދުންތައް ހުށައެޅުމާއެކު ޕޭރަންޓަލް ކޮންޓްރޯލްގެ ފީޗާ ވެސް ހިމެނޭނެ އެވެ.

އެޗްބީއޯ މެކްސްއަކީ ވާދަވެރި ނެޓްފްލިކްސްއާއި ޑިޒްނީ ހޮޓްސްޓާ ފަދަ ޕްލެޓްފޯމްތަކަށްވުރެ މުއްސަނދިވެފައި އަގު ވެސް ހެޔޮ ޕްލެޓްފޯމެކެވެ.

ގޫގަލް ޕްލޭސްޓޯރުއާއި އެޕަލް ސްޓޯރުއިން މިހާރު އެޗްބީއޯ މެކްސް ޑައުންލޯޑް ކުރެވޭނެ އެވެ.