އިދިކޮޅު އެމްޑީޕީން އެފަދަ ތުހުމަތެއް ކުރިނަމަވެސް ރިޔާސީ ދައުރު ދަންމާލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮންނާނެއެވެ. ކައުންސިލް އިންތިހާބާ އެކު ކުއްލިގޮތަކަށް އެ ވޯޓު ނެގުމުގެ ފަހަތުގައި ވަނީ ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ދަންމާލުން ކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

ސަންގު ޓީވީން މިރޭ ގެނެސްދިން "ރައީސް" ޕްރޮގްރާމްގައި، ޒުވާނަކު ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމާއި ރިޔާސީ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ރައީސް މުއިއްޒުއާ ކުރެއްވި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ ދައުރު ދަންމާލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

"ނޫން، އެކަހަލަ ވިސްނުމެއް ނެތް އަޅުގަނޑުގެ. ތި ބެނާތައް ފެނޭ، އަޅުނޑު ހިތަަށް އަރާ ކޮން ގައުމެއްގައި ބާއޭ އަނެއްކާ އަޅުގަނޑުމެންނަށް މި އުޅެވެނީ. ގައިމު ވެސް މި ގައުމުގައި ނަގަން މި އުޅޭ ވޯޓުގައި އެކަހަލަ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.".

ރައީސް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރާ ސުވާލުގައި ވެސް ރިޔާސީ ދައުރު ދަންމާލުމާ ގުޅޭ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އެފަދަ ކަމެއް ނުކުރައްވާނެކަމަށް ސާފު އިބާރާތުން ރައީސް ވަނީ މިރޭ ވިދާޅުވެފަ އެވެ.

"އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން."ރައީސް ވިދާޅުވި އެވެ.