ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކުވެ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން އިއުލާންކޮށްފި އެވެ.
މި ވަޒީފާތަކަށް އިއުލާންކޮށްފައި މިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ކަސްޓަމްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެސިސްޓަންޓް ކަސްޓަމްސް އޮފިސަ ޓްރޭނީގެ މަގާމަށް 48 މީހުން ބޭނުންވާ ކަމަށެވެ. އެހެންވެ އެ ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުގެ އޮފިސްތަކާއި ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ ދެމުންދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އިންތިހާބަށް ހާއްސަކޮށްގެން ވަޒީފާކަށް މީހުން ނުނަގާ ކަމަށެވެ. ގިނަ އަދަދެއްގެ ވަޒީފާތަކަށް މި ދަނޑިވަޅުގައި ދެމުންދާތީ ފިނޭންސް މިނިސްޓަރު މޫސާ ސަމީރު ވަނީ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސައިލަން އަންގަވައިފަ އެވެ.
ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން މިއަދު އިއުލާންކުރު އިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި 164 މުވައްޒަފުން ހޯދަން އިއުލާންކުރި އެވެ.
މި މަހުގެ 1 އިން ފެށިގެން ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ.
ކަސްޓަމްސްގެ އިތުރުން ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީން އިން ވެސް ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން އިއުލާނު ކޮށްފަ އެވެ. އެގޮތުން މި މަސް ތެރޭގައި އެކަނި 1,000 އަށް ވުރެ ގިނަ ވަޒީފާއަށް ވަނީ އިއުލާންކޮށްފަ އެވެ.
ސަރުކާރުގެ ގެޒެޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެމްޓީސީސީން ވަނީ 91 އިއުލާނެއްގެ ދަށުން ޖުމްލަ 1,185 ވަޒީފާއަށް ފުރުސަތު ހުޅުވާލާފަ އެވެ. މީގެ ތެރެއިން 635 އަށް ވުރެ ގިނަ ވަޒީފާ އިއުލާންކޮށްފައި ވަނީ ނިމިދިޔަ ދެ ހަފްތާގެ ތެރޭގަ އެވެ. އަދި ހަމައެކަނި މިދިޔަ ހަފްތާގައި ވެސް 242 މަގާމަކަށް މީހުން ހޯދަން އިއުލާންކޮށްފައިވެ އެވެ.
އީރާނު ސުކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖެހުމަކީ ގޯހެއް!
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޮނިގަނޑަށް ބަދަލުއާދޭ