ހުޅުމާލެ ފޭސް 2 ގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅުމަށް ހަދާފައިވާ އެޕާޓްމަންޓެއްގައި، އުސޫލުތަކާ ހިލާފަށް ވިޔަފާރި އުސޫލުން ލޯންޑްރީއެއް ހިންގަމުންދާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެ، އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެ ފެކްޓަރީ ބަންދުކުރަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ދީފި އެވެ.
އެތަން ބަންދުކުރަން ދިނީ ކިހާ ދުވަހެއްގެ ނޯޓިސްއެއް ކަމެއް އެޗްޑީސީން ނުބުނެ އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އާންމު ރެޒިޑެންޝަލް ފްލެޓެއްގެ ތެރޭގައި މިފަދަ ކޮމާޝަލް ލޯންޑްރީ ފެކްޓްރީއެއް ހިންގަމުންދަނީ ސަލާމަތީ ގޮތުން ނުރައްކާތެރި އަދި އަވަށްޓެރިންނަށް އިންތިހާއަށް އުނދަގޫވާ ގޮތަށެވެ.
ވީޑިއޯގައި ފެންނަ ގޮތުން ފްލެޓްތެރޭގައި ގިނަ އަދަދެއްގެ ދޮންނަ މެޝިނާއި ޑްރަޔާރ ހުރި އިރު، އެކަމަށް ބޭނުންކުރާ ބޮޑެތި ގޭސް ފުޅިތައް ވެސް އެތަނުގައި ހުއްޓެވެ.
ބޭނުންކުރާ މެޝިންތަކުގެ ސަބަބުން ކައިރީގައި ހުރި ފްލެޓްތަކުގެ ފާރުތައް އިންތިހާއަށް ހޫނުވުމާއ، ލޯންޑްރީން ބޭރުވާ ގޭހުގެ ވަސް މުޅި ސަރަހައްދުގައި ހިފާފައި ހުރުމުގެ އިތުރުން މެޝިންތައް ހިންގާ އަޑު ގަދަވުމުގެ ސަބަބުން އަބަދުވެސް އެ ހިސާބުގައި ހުރި ފްލެޓުތަކުގައި އުޅޭ މީހުނަށް ވަރަށް އުނދަގޫވާ ކަމުގެ ކަންބޮޑުވުން ވަނީ ހިއްސާކޮށްފަ އެވެ. އަދި އެކަން އެޗްޑީސީގެ ސަމާލުކަމަށް ގެނައި ނަމަވެސް އެދެވޭ ފިޔަވަޅެއް ނާޅާ ކަމަށް "ހުރިހާ" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މޮޓޯއެކްސް ސައިކަލެއް ހޯދަން ރަނުގެ ފުރުސަތެއް!
ތުވާލިތަކުގައި ހުންނަ އޮމާން ފަށުގެ ބޭނުމަކީ؟