ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ހެދި އެއްބަސްވުން ބަލައިނުގަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރަސްމީކޮށް އިނގިރޭސި ސަރުކާރަށް އަންގަވައިފި ކަމަށް ބީބީސީއިން ރިޕޯޓުކޮށްފި އެވެ.
ރައީސް އޮފީހުން ބީބީސީއަށް ފޮނުވި ކަމަށް ބުނާ ބަޔާނަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ދިވެހި ސަރުކާރުން މި އެއްބަސްވުމާ ދެކޮޅަށް ދެ ފަހަރެއްގެ މަތިން ލިޔުމުން ހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނޮވެމްބަރު 2024 ގައި އަދި ޖެނުއަރީ 2026 ގައެވެ. މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު އިނގިރޭސި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ފޯނުން ގުޅުއްވައި، ޗާގޯސް ބަދަލުކުރާ ނަމަ ރާއްޖޭގެ މަސްލަހަތުތައް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ރައީސް މުއިއްޒު އެންގެވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ދިވެހި ސަރުކާރާ މަޝްވަރާ ނުކޮށް، ހަމައެކަނި މޮރިޝަސްއާ ވާހަކަ ދައްކައިގެން އިނގިރޭސި ސަރުކާރުން ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ތާރީހީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ކައިރިކަމަށް ބަލާއިރު، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ހައްގު އެހެން ކޮންމެ ގައުމަކަށް ވުރެ ކުރިން ލިބެންޖެހެނީ ރާއްޖެއަށް ކަމަށާއި، ސިޔާދަތު އެއްވެސް ގައުމަކަށް ދޭ ނަމަ، އެ ހައްގު ލިބެންޖެހޭނީ ރާއްޖެއަށް ކަމަށް ވެސް ބުނެފައިވާކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެ އެވެ.
ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރަސްމީ ހުށަހެޅުމެއް ހުށަހެޅުމަށް ހުރި ހުރިހާ ގޮތެއް ބަލަމުން ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.
ނަމަވެސް އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ސްޓީފެން ޑައުޓީ ބުނީ ޗާގޯސްގެ ސިޔާދަތަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގެ މައްސަލައެއް ކަމަށާއި، އެއީ ރާއްޖެއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އިނގިރޭސި ސަރުކާރުގެ މަސްދަރަކުން ބުނީ ބައިނަލްއަގުވާމީ ކޯޓުތަކުން ޗާގޯސްގެ ސިޔާދަތާ ބެހޭ ގޮތުން މީގެ ކުރިން ނިންމާފައި ވަނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށެވެ.
ޗާގޯސް ޖަޒީރާތައް ނުވަތަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ވަނީ 19 ވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގަ އެވެ. މިދިޔަ އަހަރު އިނގިރޭސި ސަރުކާރުން މޮރިޝަސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން، ޗާގޯސް މޮރިޝަސްއާ ހަވާލުކޮށް، އެންމެ ބޮޑު ރަށުގައި ހުންނަ އިނގިރޭސި-އެމެރިކާ އަސްކަރީ ބޭސް ކުއްޔަށްދިނުމަށް އެވެރެޖްކޮށް އަހަރަކު 101 މިލިއަން ޕައުންޑް ދައްކާ ގޮތަށް ހަމަޖެހުނެވެ. ނަމަވެސް މި އެއްބަސްވުން އަދި އިނގިރޭސި ގާނޫނުން ކަށަވަރުވެފައެއް ނުވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެބްރުއަރީ މަހު ޓްރުތު ސޯޝަލްގައި މި ބިން އިނގިރޭސިވިލާތުގެ އަތުން ނެގިގެން ނުވާނެ ކަމަށް ބުނުމާ ގުޅިގެން، އެ އެއްބަސްވުން ވަނީ މެދުކެނޑިފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީގޯނާކުރި އަނީސް ދެވަނަފަހަރަށް ދޫކޮށްލައިފި
ނަމަނަމަ މި ފިލްމުތައް އެކަނި ނުބަލާތި!