އީރާނުގެ މިނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ އަންހެން ކުދިންގެ ސްކޫލަށް ދިން ރަހުމްކުޑަ ހަމަލާގައި 168 ކުދިން މަރުވި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ބޭއްވި ކުއްލި ބަހުސްގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފު ވަރަށް ނުރައްކާތެރި އަމަލެއް ކަމަށެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭން ފަށާފައިވާ އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުންތަކުގެ އަސްލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާ އަދި ދައުލަތުން ބައިވެރިވެގެން ޓެރަރިޒަމް ފަތުރާ އިޒްރޭލެވެ. އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން ގަލްފު ގައުމުތަކާއި، އުރުދުންގެ އިތުރުން ފަލަސްތީނާއި ލުބުނާން ވެސް ވަނީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފަ އެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ފަރާތްތަކަށް އަދަބު ނުލިބި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ. އަދި މަސްރަހު ފިނިކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކުރުމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ވެސް ރާއްޖެއިން ބާރުއެޅި އެވެ.
މިއީ މި ހަފްތާގެ ތެރޭގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވުނު މިފަދަ ދެވަނަ ކުއްލި ބަހުސެވެ. މީގެ ކުރިން މާރިޗު 25 ގައި ބޭއްވި ބަހުސްގައި ރާއްޖެއިން އީރާނުން ގަލްފް ގައުމަތަކަށް ދޭ ހަމަލާތައް އެކަނި ކުއްވެރިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ފާޅުގައި އެއްބަސްވި ތަރިން!
އެމްޑީޕީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި