ސަރުކާރުގެ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން އިންޓަވިއުއެއް ބާއްވަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންޓަވިއު އޮންނާނީ މާފަންނު ބަސް ޓާމިނަލުގައި ހެނދުނު 10 އިން ހަވީރު 4 ޖެހުމާ ހަމައަށް ކަމަށެވެ. އެ ކުންފުނިން ކުރި އިއުލާނުގައިވާ ގޮތުން، ޓެކްސީ ލައިނަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. މީގެ ކުރިން ވެސް މި ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކް-އިން އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރައީސް އޮފީހުގައި މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރޯދަ މަސް ނިމެންވާ އިރަށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ހިދުމަތް ނުފެށެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތިން މޮޑެލްއެއްގެ ކާރު ދެ ބެޗަކަށް ބަހާލައިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ދެއެވެ. ފުރަތަމަ ބެޗުގައި ތައިލެންޑުން 60 ކާރު ގެންނައިރު، ބާކީ ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާއިންނެވެ.

ސަރުކާރުން ޓެކްސީ ލައިން ތައާރަފުކުރުމާއި ދެކޮޅަށް ޓެކްސީ ޑްރައިވަރުން ވަރަށް ބޮޑަށް އަޑު އުފުލި އެވެ. ނަމަވެސް އާންމު ދަތުރުފަތުރުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ، 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް ޑްރައިވަރުން ބޭނުންވާ ވަގުތެއްގައި ނުކުމެ ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ މައްސަލައާ ހެދި އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.