އީރާނުގެ ނިއުކްލިއާ މާއްދާތައް ރައްކާތެރިކުރުމަށް ނުވަތަ އެ ތަކެތި އެ ގައުމުން ބޭރުކުރުމަށް ބޭނުންވާނެ ގޮތްތަކާއި އިހުތިޔާރުތަކާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެފި އެވެ.
މި މަޝްވަރާތައް ކުރިއަށްދަނީ އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ކެމްޕޭން ވަރަށް ބޮޑަށް ނުތަނަވަސްވެފައި އޮތް ދަނޑިވަޅެއްގަ އެވެ.
މިފަދަ އޮޕަރޭޝަނެއް ހިންގާނެ ސީދާ ވަގުތެއް އަދި ސާފުވެފައި ނުވާއިރު، ރައީސް ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށް އެއް މަސްދަރަކުން ބުނެ އެވެ. ނަމަވެސް، މި ރޭވުންތައް ބިނާވެފައި ވަނީ އެމެރިކާގެ އެންމެ ސިއްރު އަދި ނާޒުކު މިޝަންތައް ކުރިއަށްގެންދާ ޖޮއިންޓް ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްގެ ފައުޖުތައް ބޭނުންކުރުމުގެ މައްޗަށް ކަމަށް ސީބީއެސް ނިއުސްއިން ބުނެފައިވެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ މިފަދަ ތައްޔާރީތައް ވުމަކީ ޕެންޓަގަންގެ ޒިންމާއެއް ކަމަށެވެ.
ރައީސް ޓްރަމްޕް ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ "ޓެރަރިސްޓް" ޖަމާއަތާއި ދެކޮޅަށް މެދުއިރުމަތީގައި ހިންގާ އަސްކަރީ މަސައްކަތްތައް ހުއްޓާލުމަށް ވިސްނަމުންދާ ކަމަށާއި އެމެރިކާގެ މަގްސަދުތައް ހާސިލްވުމާ މިހާރު ވަނީ ދާދި ގާތް ވެފަ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ މާއްދާތަކާ ގުޅޭގޮތުން މި މަޝްވަރާތައް ފެށިފައި ވަނީ ކުރިން އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލް ސިސްޓަމްތަކަށް އަމާޒުކޮށްދިން ހަމަލާތަކަށްފަހު އެވެ. އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާއެކު ވެސް، އީރާނުން ވަނީ އިޒްރޭލަށާއި ގަލްފުގެ ގައުމުތަކަށް ރައްދު ހަމަލާދީ، ތެޔޮ އުފުލާ ބޯޓުތަކަށް ބިރުދައްކައި ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސްއަޅާފަ އެވެ.
މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ކުވެއިތުގައި ހުންނަ ބޭހަކަށް އީރާނުން ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާގެ 6 ސިފައިން މަރުވެ، ގިނަ ބަޔަކު ޒަޚަމްވިއިރު، ސައުދީ އަރަބިއްޔާގައި ދިން ހަމަލާއެއްގައި ވެސް އެކަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން އިރާގުގައި ހިނގި މަތިންދާބޯޓު އެކްސިޑެންޓެއްގައި ވެސް އެމެރިކާގެ ހަ މީހަކު ވަނީ މަރުވެފަ އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އިން ބުނިގޮތުގައި، މިދިޔަ ހޫނު މޫސުމާ ހަމައަށް އީރާނުން ވަނީ 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 972 ޕައުންޑުގެ ޔުރޭނިއަމް އެއްކޮށްފަ އެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރާ ވަރަށް ގާތް މިންވަރެކެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ އީރާނުގެ ޔުރޭނިއަމް ރައްކާތެރިކުރުމަކީ ރައީސް ޓްރަމްޕް އިހްތިޔާރު ކުރައްވަފާނެ ކަމެއް ކަމަށެވެ. ނަމަވެސް، މިފަދަ އޮޕަރޭޝަނަކީ ނުރައްކާތެރި އަދި އުނދަގޫ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެ އެވެ.
އައިއޭއީއޭގެ ޑިރެކްޓަ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވީ ގެންގުޅެން އުނދަގޫ އަދި ނުރައްކާތެރި ގޭސް ހިމެނޭ ސިލިންޑަރުތަކެއް އަތުލައިގަތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ދުނިޔޭގެ ތަފާތު ބަސްބަހުން އީދުގެ ތަހުނިޔާ!
ގޭހަށް ޖެހި، އިންޑިއާގެ ގިނަ ބަޔަކު ވަޒީފާތައް ދޫކޮށް ގެއަށް!
ފޯޅަވަހި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި